ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ނެރެމުންއަންނަ ޤައުމީ ވީޑިއޯ ލަވަ އަލްބަމް ނެރެފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ފަރުމާއަކަށް ތައްޔާރުކުރި އަށް ލަވައިގެ މައްޗަށް އެކުލެވޭ މި ވީޑިއޯ ލަވަ އަލްބަމް ނެރެފައި ވަނީ އިއްޔެ ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިން ޤައުމީ ދުވަހުގެ ޚާއްޞަ ޕްރޮގްރާމްގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއެވެ.
މި އަލްބަމަށް ޅެން ހައްދަވާފައިވާ ބޭފުޅުންނަކީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރުގެ އިތުރުން އަލްފާޟިލް ޙަސަން ލަބީބް، އަލްފާޟިލް ފަތުހުﷲ ޞާލިޙް، އަލްފާޟިލް ޢަބްދުﷲ ޢަފީފް، އަލްފާޟިލް އަޝްރަފް ޢަލީ، އަލްފާޟިލް ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު، އަލްފާޟިލް ޢަބްދުލްޖަލީލް އިސްމާޢީލް އަދި އަލްފާޟިލް މުޙައްމަދު ޢަބްދުލް ޣަނީއެވެ.
މި އަލްބަމްގެ ބައެއް ލަވަތައް ވިދާޅުވެދެއްވާފައިވަނީ އަތޮޅުތަކުގެ މަޝްހޫރު ލަވަކިޔުންތެރިންނެވެ.
ޕެން ޑްރައިވްއެއްގައި ނެރުނު މި ވީޑިއޯ ލަވަ އަލްބަމްގައި ހިމެނޭ ހުރިހާ ރާގުތަކަކީ އަމިއްލަ ރާގުތަކެކެވެ. މި ރާގުތައް އުފައްދާފައި ވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުންނެވެ. އަދި މި އަލްބަމްގެ ލަވަތަކަށް ވީޑިއޯ ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންނެވެ.
އެމްއެންޑީއެފްއިން ތައްޔާރުކުރި މިއަލްބަމުގެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލުންނާއި އެމްއެންޑީއެފް ފޭސްބްކް ޕޭޖް އަދި އެމްއެންޑީއެފް ސައުންޑް ކްލައުޑް ޕޭޖުން ޑައުންލޯޑްކުރެވޭނެއެވެ.
އެމްއެންޑީއެފް އިން ޤައުމީ ދުވަހުގެ މުނާސަބަތުގައި ނެރެމުންއަންނަ ޤައުމީ ލަވަ އަލްބަމް ނެރެމުން އަންނަތާ މިއީ 16 ވަނަ އަހަރެވެ.