English Edition
Dhivehi Edition

ނިމިގެން ދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަސްތެރޭ ދުނިޔޭގެ ރެކޯޑު އަގަކަށް ސައުދީ އަރަބިއާގެ އަލް ނަޞްރަށް ބަދަލުވި ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މިހާރު މަސައްކަތް ކުރަމުން އަންނަނީ އަލް ނަޞްރު ދޫކޮށް ޔޫރަޕަށް ބަދަލުވާން ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ސައުދީ އަރަބިއާގެ ނޫސްތަކުން ޚަބަރު ފަތުރާގޮތުގައި ރޮނާލްޑޯ މިހާރު ބޭނުންވަނީ އަލް ނަޞްރު ދޫކޮށް ޔޫރަޕަށް ބަދަލުވުމަށް ކަމަށާއި އެގޮތުން މި ސީޒަނަށް ފަހު ރޮނާލްޑޯ އަލް ނަޞްރު ދޫކޮށްލަން ވިސްނަމުން ދާ ކަމަށެވެ.

ރޮނާލްޑޯ އަލް ނަޞްރު ދޫކޮށްލަން އުޅެނީ ސައުދީ އަރަބިއާގެ ދިރިއުޅުމުގެ ޝަޤާފަތާއި އެ ގައުމުން ވާހަކަދައްކާ އުޅޭ ބަހުގައި މައްސަލަތަކެއް ހުރުމުން ކަމަށް ރިޕޯޓުގައިވެއެވެ.

ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް ސައުދީ ގެ އަލް ނަޞްރަށް ބަދަލުވީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު 30 ވަނަ ދުވަހު، ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން 200 މިލިއަނަ ޔޫރޯގެ އަގަކަށެވެ.

ސްޕެއިންގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ އަލް ނަޞްރު ދޫކޮށް ދާން ބޭނުންވަނީ އޭނާގެ ކުރީގެ ކުލަބު ރެއާލް މެޑްރިޑަށް ކަމަށެވެ. ނަމަވެސް ރެއާލް އިން ކުޅުންތެރިއެއްގެ ގޮތުގައި ރޮނާލްޑޯ ނުގެންނާނޭ ކަމަށާއި ނަމަވެސް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ރޮނާލްޑޯ ގެންނަން ބޭނުންވަނީ ރެއާލްގެ އެމްބެސެޑަރުގެ މަޤާމަށެވެ.
އެގޮތުން މިހާރުވެސް ރޮނާލްޑޯއަށް ރެއާލްގެ އެމްބެސެޑަރުގެ މަޤާމު ހުށައަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯ އަލް ނަޞްރަށް ބަދަލުވި ފަހުން މިހާތަނަށް ކުޅުނު 15 މެޗުގައި 12 ގޯލު ވަނީ ޖަހާފައެވެ.