English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ކޯލިޝަން ހެދުމަށް އެމްއާރްއެމް އިން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުން ހިމަނައިފިއެވެ.

ކޯލިޝަން ހެދުމުގެ ފުރަތަމަ ބައްދަލުވުން އެމްއާރުއެމުން ބޭއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކުގަ އެވެ. ދެވަނަ ބައްދަލުވުން އެމްއާރުއެމްގެ އޮފީހުގައި ރޭ ބޭއްވީ، މްޑީޕީގެ ޗެއާޕާސަން، ފައްޔާޒް އިސްމާއީލް އާއި ޕާޓީގެ ލީޑަޝިޕް ބޭފުޅުންނާ އެކުގައެވެ. މި ބައްދަލުވުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ބައިވެރިވެވަޑައިގަތެވެ. އަދި އެމްއާރުއެމުން އެ ބައްދަލުވުމުގައި އިސްކޮށް އިންނެވީ ޕާޓީގެ ރައީސް ފާރިސް މައުމޫނެވެ.

އެމްއާރުއެމުން ކަށަވަރުކޮށްދޭން އެމްޑީޕީއަށް ހުށަހެޅި ކަންކަން

● ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މައުލޫމާތު ދިނުން.

● ދިވެހި ރައްޔިތުންގެ މަސްލަހަތާއި އެމްއާރުއެމްގެ އުސޫލްތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކޮށްދިނުން.

● ކޯލިޝަން އެއްބަސްވުމަށް އިހްތިރާމްކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް އަމަލު ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.

● ސަރުކާރުގެ ސިޔާސަތުތަކާއި ގައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.

● ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން.

އެމްއާރްއެމްއިން މިކަންކަން އެމްޑީޕީއަށް ހުށަހަޅާފައިވާއިރު، ކޯލިޝަން ހެދުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީއާ ބައްދަލުކުރުމަށް ވެސް އެ ޕާޓީން ވަނީ ނިންމާފައެވެ. ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކުގައި ޖުމްހޫރީ ޕާޓީ އާއި، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މަސައްކަތްކުރައްވަނީ އެކީގައެވެ.