English Edition
Dhivehi Edition

ފަސް ރަށެއްގައި އައިސް ޕްލާންޓް ބަހައްޓަން ފިޝަރީޒް މިނިސްޓްރީން ނިންމާ އެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ފެނަކަ އާއި ހަވާލުކޮށް އެއްބަސްވުމުގައި ދެފަރާތުން ވެސް ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޔާމީނެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.

މި އެއްބަސްވުމުގެ ދަށުން ކޮންމެ ރަށެއްގައިވެސް 25 ޓަނުގެ އައިސް ޕްލާންޓު ބަހައްޓަން ނިންމާފައިވާއިރު، އެ މަސައްކަތް ފެނަކައާއި ހަވާލުކުރީ 8 މަސް ތެރޭގައި މަސައްކަތް މުޅިން ނިންމާ ހިދުމަތް ދޭ ގޮތަށެވެ.

މަސައްކަތް ފެނަކައާ ހަވާލުކުރީ އެ ކަމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލާ އެ ބީލަމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފައުޅުކޮށް ހުށައެޅުމެއް ހުށައަޅާފައި ނުވުމުން ކަމަށާއި އަދި ފެނަކައާއި މަސައްކަތް ހަވާލުކުރީ މަސައްކަތް އަވަސްކުރުމުގެ ވޮތުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އަދި ކަނޑައަޅާފައިވާ މުއްދަތުގައި ފެނަކަ އިން އައިސްޕްލާންޓްތައް ބަހައްޓައި ނިންމާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މި ފަސް ޕްލާންޓު ބަހައްޓައި ނިމުމުން މި ސަރުކާރުން އައިސްޕްލާންޓު ބަހައްޓަން ވައުދު ވެފައިވާ ރަށްތަކުގައި ޕްލާންޓު ބަހައްޓާ ނިމުނީކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

ފިޝަރީޒް މިނިސްޓްރީން މިފަހަރު އައިސް ޕްލާންޓު ބަހައްޓަން ނިންމާފައިވާ ފަސް ފަށަކީ ހއ. ދިއްދޫ އާއި އއ. ރަސްދޫ އާއި ދ. މީދޫ އާއި ލ. މާމެންދޫ އަދި ގދ. ރަތަފަންދޫއެވެ.

މި ފަސް ރަށުގައި ވެސް އައިސްޕްލާންޓު ބަހައްޓަނީ ސައުދީ ފަންޑުގެ އެހީގައި އެވެ.