English Edition
Dhivehi Edition

ދިވެހި ފުލުހުންގެ ތާރީޚުން ފާއިތުވެގެން މިދިޔަ މުއްދަތުގެ ތެރޭގައި އެ ޚިދުމަތަށް ވަރަށް އެކަށީގެންވާ މުހިންމު ބަދަލުތަކެއް އައިސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 90 ވަނަ އަހަރީދުވަސް ފާހަގަކުރުމަށް ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފާއިތުވެ ދިޔަ މުއްދަތުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތަށް އައި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް އައި އެންމެ މުހިއްމު ބަދަލަކީ، އަސްކަރިއްޔާގެ ތެރެއިން ނުކުމެ، މުސްތަޤިއްލު މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުންކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ޚިދުމަތަކީ، ފަރުދުންގެ ވިސްނުމާއެކީ މުޖްތަމަޢަށް އަންނަ ބަދަލުތަކާ އެއްގޮތަށް، އަބަދުވެސް ކުރިއަރައި ތަރައްޤީވަމުން އަންނާނެ ޚިދުމަތެއް ކަމަށާއި އެކަމަށްޓަކައި ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކޮށް ތަރައްޤީކުރުމަކީ، އަބަދުވެސް ސަރުކާރުން އިސްކަން ދީގެން ދަމަހައްޓަންޖެހޭ ސިޔާސަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން މިދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަހުޑް ޕޮލިސިންގެ ޚިދުމަތް ދެމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، މި އަހަރު ނިމުމުގެ ކުރިން، ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ޒަމާނަށް އަންނަމުންދާ ބަދަލާއިއެކު ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ފުޅާކުރެއްވުމަށް ކުރައްވަންޖެހޭ މައްސަކަތްތަކުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފައެވެ.

މިގޮތުން އެމަނިކުފާނު ވިދާޅުވީ، އަމާޒަކީ، ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ މީހަކީ، އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތަޢުލީމާއި ތަމްރީން ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެއްދެވުން ކަމަށެވެ. އަދި ކުށުގެ ވެއްޓާއި ކުށްކުރާ ގޮތްތަކަށް އައިސްފައިވާ ބަދަލުތަކާއިއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަޅި މިއަދު އަމާޒުކުރަން ޖެހެނީ ހަމައެކަނި މިރާއްޖެއަށް ނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާ މެޑަލް ލިބިވަޑައިގެންނެވި، ފުލުހުންނަށް ކުލަޔާ މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި ފުލުހުންގެ 90 ވަނަ އަހަރީދުވަހުގެ “ކޮމެމޮރޭޓިވް ކޮއިން”ވެސް އެމަނިކުފާނު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯހާއި ދިވެހިފުލުހުންގެ އިސްވެރިންނާއި އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވުނީ، 29 މާރިޗު 1933ގައެވެ. އަސްކަރިއްޔާގެ ދަށުން ފުލުހުންގެ ޚިދުމަތް ވަކިކުރައްވައި، ފުލުހުންގެ ޚިދުމަތަކީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ހަމަޖެހުނީ، 1 ސެޕްޓެމްބަރު 2004 ގައެވެ.