English Edition
Dhivehi Edition
ފޮޓޯ: ދަ މޯލްޑިވްސް ކޮރަލް އިންސިޓިޓިއުޓް ޓްވިޓަރ

ދަ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް (އެމްސީއައި) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ކޮރަލް ފެސްޓިވަލް 2023” އައްޑޫސިޓީ ހިތަދޫގައި ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ރާއްޖޭގެ މުރަކައިގެ ދިރުންތަކުގެ މުހިންމުކަން ދެނެގަތުމާއި އެތަކެތި ރައްކާތެރިކޮށް، ދިވެހިންގެ ހިތުގައި މުރަކައިގެ މުހިންކަން އަންގައި ދިނުމަށް ބާއްވާ މި ފެސްޓިވަލް އޮންނާނީ މި މަހުގެ 28 އިން 30 އަށް ކަމަށެވެ.

އެމްސީއައި އިން ބުނީ މި ފެސްޓިވަލުގައި ބައިވެރިވުމަށް މުރަކައިގެ ތަޖުރިބާކާރުންނާއި، ކަމާއިގުޅުންހުރި ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާތަކާއި، ސިޔާސީ ލީޑަރުން ބައިވެރިވާނެ ކަމަށެވެ. އަދި މެރިން އީކޯ ސިސްޓަމް އިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެއެވެ.

އައްޑޫ ހިތަދޫގެ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ކެމްޕަހުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފެސްޓިވަލުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ މުރަކައިގެ ބަގީޗާތައް ދެމެހެއްޓެނެވި ގޮތެއްގައި ރައްކާތެރި ކުރެވޭނެ ގޮތާއިމެދު މަޝްވަރާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ފެސްޓިވަލުގައި މިއުޒިކާއި ޘަގާފަތާއި، ސަދަން ކާބޯތަކެތީގެ ސްޓޯލްތަކާއި، ކުޑަކުދިންނަށް ބައިވެރިވެވޭނެގޮތަށް، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސްޓޯލްތައް ވެސް ހުންނާނެކަމަށް އެމްސީއޭ އިން ބުނެއެވެ.

މި ފެސްޓިވަލުގެ ފުރަތަމަ ދެ ދުވަސް ހިތަދޫ އެމްއެންޔޫ ކެމްޕަހުގައި ބޭއްވުމަށް ނިންމާފައިވާއިރު، ތިންވަނަ ދުވަހު އޮންނާނީ އައްޑޫ ޔުނެސްކޯގެ ނޭޗަރ ޕާކަށް ސްނޯކްލިންގ ދިއުމާއި ހުޅުމީދޫ ނޭޗަރ ޕާކް ސަރަހައްދަށް ޒިޔާރަތް ކުރުމެވެ.

ކޮރަލް ފެސްޓިވަލް އެންމެފަހުން ބާއްވާފައިވަނީ 2020 އަހަރު މާލެ އަތޮޅު ތުލުސްދޫގައެވެ.