English Edition
Dhivehi Edition

ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ބުޗާގޭ ދޮންމަނިކު އަވަހާރަވެއްޖެއެވެ.

މީގެ 8 އަހަރު ކުރިން އޮސްޓްރޭލިއާއަށް ދިރިއުޅުން ބަދަލުކުރެއްވި ދޮންމަނިކު އުމުރުން 91 އަހަރުގައި، އަވަހާރަވިއިރުވެސް އުޅުއްވަމުން ގެންދެވީ އެ ގައުމުގައެވެ.

ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ދޮންމަނިކިވަނީ ހޯމް އެފެއާޒްގެ ދަށުން ހިންގި ފިލްމު ސެންސަރުބޯޑުގެ ޗެއާމަންގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ. މީގެ އިތުރުން ރ. އަތޮޅުގެ އަތޮޅުވެރިކަން ވެސްކުރެއްވި ދޮންމަނިކު ވަނީ މަހްކަމަތުލް އަމަންއާންމުގެ ސެކްރެޓަރީކަމާއި ތަހުގީގު ކޮމިޓީގެ ސެކްރެޓަރީކަންވެސް ކުރައްވާފައެވެ. އަދި ދޮންމަނުކުވަނީ ޕަބްލިކް މެއިންޓެނަންސް ޑިވިޝަންގެ ވަކީލްކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ހާއްސަ ވަކީލުކަމާއި، ޕޯސްޓް މާސްޓަ ކަމުގެ މަގާމާއި ކޮންޓްރޯލާ އޮފް ކޮމިއުނިކަބްލް ޑިޒީޒަސް ޑިވިޝަންގެ ވަކީލްކަމުގެ މަގާމާއި މެރިން ޑިވިޝަންގެ ވަކީލުކަން ވެސް ކުރައްވާފައެވެ.

ފިލްމު ސެންސަރު ބޯޑުގެ ޗެއާމަންކަމުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި ދޮންމަނިކުއަށް ވަނީ ސަރުކާރަށް 40 އަހަރު ހިދުމަތްކުރައްވައިގެން ދެވަނަ ޕެންޝަންވެސް ލިބިވަޑައިގެންފައެވެ.

ކުރީގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމްގެ ބައްޕާފުޅު، ދޮންމަނިކުގެ ތިން ކައިވެންޏަކަށް 22 ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.