English Edition
Dhivehi Edition

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރު އަލް ވެހްދާ އަތުން ބަލިވެ، ސައުދީ ކިންގް ކަޕުން ކަޓައިފި އެވެ.

ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުހައި ލަނޑުޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަލް ނަޞްރުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. މެޗުގެ 10 ވަނަ މިނެޓްގައި ރޮނާލްޑޯ އަށް މުޅިން ހުސްކޮށް ލިބުނު މި ފުރުސަތު ބޭކާރުކޮށްލީ އަލް ވެހްދާގެ ގޯލްކީޕަރު މުނީރުއެވެ.

ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ރޮނާލްޑޯ ޕެނަލްޓީއޭރިއާ ތެރޭގައި ހުރަސްކޮށް ހުރެ އެއްފަހަރުން ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް އެ ބޯޅަ އަމާޒުވީ ކީޕަރުގެ މެއަށެވެ. މީޕަރުގެ މޭމަތީގައި ޖެހިފައި ބައުންސްވެގެން އައި ބޯޅަ ދެވަނަ ފަހަރަށް ވެސް ފޮނުވާލަން ރޮނަލްޑޯއަށް ލިބުނެވެ. ނަމަވެސް މި ފަހަރުވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ވެހްދާއިން ކާމިޔާބުކުރީ މެޗުގެ 23 ވަނަ މިނެޓްގައި ޖީން ޑޭވިޑް ބޫގެލް އެވެ. އޭނާ މި ލަނޑު ޖެހީ އަލް ނަސްރުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބައިސްކަލް ކިކަކުންނެވެ.

މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅުނީ އަލް ނަޞްރުންނެވެ. އެގޮތުން މެޗުގެ ނަތީޖާ އެއްވަރުކޮށްލަން މި މެޗުގައި ނަސްރަށް ގިނަ ފުރުސަތުތަކެއް ލިބުނެވެ.

ނަމަވެސް އެޓީމުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ވެހްދާގެ ގޯލްކީޕަރެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ރޮނާލްޑޯ ފޮނުވާލި ބާރު ހަމަލާއެއް ވެހްދާގެ ގޯލުގެ ދަނޑި އަށް ވެސް ވަނީ އަމާޒުވެފައިވެ އެވެ.

މުބާރާތުގެ ފައިނަލްގައި ވެހްދާ ބައްދަލުކުރާނީ އަލް އިއްތިހާދު ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި އަލް ހިލާލްއާ އެވެ.