English Edition
Dhivehi Edition

ޖަރުމަނު ލީގުގައި މައިންޒާ ދެކޮޅަށް ރޭ ކުޅުނު މެޗުން ވެސް ބަލިވެ ޗެމްޕިއަން ބަޔާން މިއުނިކަށް ނުތަނަވަސްކަން ކުރިމަތިވެއްޖެއެވެ.

ރޭ މެއިންޒް އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން ބަލިވީ 1-3 އިންނެވެ.

ރޭގެ މެޗުން ބަޔާން ބަލިވިއިރު، އެޓީމުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ.

ރޭ ގެ މެޗުން ބަޔާން ބަލިވިއިރު، އެޓީމަށް މިހާރު ވަނީ ލީގު ތާވަލްގެ އެއް ވަނަ މަގާމު ވެސް ގެއްލިފަ އެވެ. އެންމެ ފަހުން ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން ހަތަރު މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ. ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މައިންޒުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބަޔާން އެވެ. އެއީ 29 ވަނަ މިނެޓުގައި ޔާއޯ ކަންސޭލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސެނެގާލް ފޯވާޑް ސަޑިއޯ މާނޭ ޖެހި ލަނޑުންނެވެ.

ބަޔާނުން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެ ވަނަ ހާފަށް ނުކުމެ މައިންޒުން ވަނީ ތަފާތު ދައްކާ ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން ކުރި ހޯދާފައެވެ.

މެއިންޒްގެ ފުރަޔަމަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ޖަހާ ނަތީޖާ ހަމަހަމަކޮށްދިނީ ލުޑޮވިޗް އަޖޯކޭ އެވެ. އޭގެ ފަހުން ގާތްގާތުގައި ދެ ލަނޑު ޖަހާ މައިންޒުން ލީޑު ނެގިއިރު، އެޓީމަށް މެޗުގައި ލީޑު ނަގައިދިނީ 73 ވަނަ މިނެޓުގައި ލިއަންޑްރޯ ބާރެއިރޯ މާޓިންސް އެވެ. މެއިންޒްގެ ތިން ވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ޖަހައިދިނީ އާރޮން މާޓިން ކެރިކޯލް އެވެ.

ރޭގެ މި މޮޅާއެކު މައިންޒު ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު 29 މެޗުން 45 ޕޮއިންޓާއެކު އެވެ. މެޗުން ބަލިވި ބަޔާން އޮތީ 29 މެޗުން 59 ޕޮއިންޓާއެކު ދެ ވަނައިގަ އެވެ.