English Edition
Dhivehi Edition

ހއ. އިހަވަންދޫގައި ގަވާއިދުން ނަމާދުގެ ޖަމާއަތަށް ދާ ކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ބައިސްކަލެއް ދޭން އިހަވަންދޫ މިސްކިތަކުން ނިންމައިފިއެވެ.

މިއީ މެދު ނުކެނޑި 40 ދުވަސް ވަންދެން ގަވައިދުން ނަމާދުގެ ޖަމާއަތަށް ދާ ކުދިންނަށް ބައިސްކަލް ހިލޭ ދިނުމުގެ ޕްރޮގުރާމެކެވެ.

އަދި މިއީ ހއ. އިހަވަންދޫ މަސްޖިދުލް ތައާވުންގެ އިމާމުން އިސްވެ ތިއްބަވައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމުގެ ދަށުން ބައިސްކަލު ދޭނީ ގުރޭޑު-1 އިން 7 އާއި ދެމެދުގެ ގުރޭޑުތަކުގައި ކިޔަވާ ކުދިންނަށް ކަމަށް މައުލޫމާތު ލިބެއެވެ.

އެފަރާތުން މައުލޫމާތު ދޭ ގޮތުގައި ކުދިންނަށް ބަައިސްކަލް ހަދިޔާ ކުރާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ކުދިންގެ ހިތުގައި ނަމާދަށް ލޯބި ޖެއްސުމާއި އަދި މިސްކިތްތަކަށް ޖަމާއަތަށް ހާޒިރުވެ ނަމާދު ކުރުމަށް ކުދިން އަހުލުވެރި ކުރުވުމެވެ.

ގަވައިދުން މިސްކިތަށް ނަމާދަށް ދާ ކުދިންނަށް ހަދިޔާދޭ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 40 ދުވަސް ވަންދެން މިސްކިތަށް ބަރާބަރަށް ޖަމާއަތަށްދާ ކުދިންނަށް ހަދިޔާއަކަށް ބައިސްކަލެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.