English Edition
Dhivehi Edition

ކުލަބުގެ ހަރު މުދާ ވިއްކައިގެން ފަންޑު ހޯދައިގެން ވިޔަސް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ބާސެލޯނާއަށް ގެންނަން ކުލަބުން ތައްޔާރަށް އޮތް ކަމަށް ލަލީގާގެ ރައީސް ހާވިއާ ޓަބޭސް ބުނެފިއެވެ.

ޓަބޭސް ބުނީ މެސީ އަކީ ލަލީގާގެ އެންމެ ފޭވަރިޓު ކުޅުންތެރިޔާ ކަމަށާއި މެސީ އަށް އެންމެ އެކަށޭނަ ކުލަބަކީ ވެސް ބާސެލޯނާ ކަމަށެވެ. އެހެން ކަމުން އޭނާ އެނބުރި ބާސާއަށް އަންނަ ބޭނުންނަމަ ކުލަބުގެ ހަރުމުދާ ވިއްކައިގެން ނަމަވެސް އެކަން ކުރަން ބާސާއިން ތައްޔާރުކަމަށް އޭނާ ބުންޏެވެ.

މިހާރު ޕީއެސްޖީއަށް ކުޅެމުން އަންނަ މެސީ އަލުން ބާސެލޯނާއަށް ގެނެވޭނެކަމަށާއި އެއީ ކުރެވޭނެ ކަމެއް ކަމަށް ވެސް ހާވިއާ ޓަބޭސް ބުނެފައިވެއެވެ.

ސްޕޭނުގެ ބައެއް މީޑިއާ ރިޕޯޓުތަކުން ބުނާގޮތުގައި ލަލީގާއިން މިހާރު ވަނީ މެސީ ހިމަނައިގެން ލީގު ޕްރޮމޯޓްކުރުމުގެ މަސައްކަތްވެސް ކުރިިޔަށް ގެންދިއުމަށް ނިންމާފައެވެ.

މީގެ އިތުރުން ބާސެލޯނާއިން މިހާރު ތައްޔާރުވަމުންދަނީ މެސީ އަލުން ގެނައުމަށް ކުރާ މަސައްކަތުގައި މާލީގޮތުން ހުށަހަޅަންޖެހޭ ޕްލޭން ލަލީގާއަށް ހުށަހެޅުމަށްކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއީ ކުލަބުގެ ބައެއް ހަރު މުދާ ވިއްކައިގެންނާއި ކުޅުންތެރިން ވިއްކައިގެންނާއި ޕްރޮމޯޝަނަލް އިވެންޓުތަކުން ފައިސާ ހޯދާނެ ގޮތުގެ އައު ޕްލޭނެއްކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި ބާސާއިން ހުށައަޅާ މި ޕްލޭނަށް ލަލީގާއިން އެއްބަސްވާނެކަމަށް ލަލީގާގެ ރައީސް ބުނެފައިވާ ކަމަށް ވެސް ސްޕޭނުގެ މީޑިއާއިން ބުނެއެވެ.

މެސީ އަލުން ގެނައުމަށް ބާސެލޯނާއިން މަސައްކަތް ކުރަމުން އަންނައިރު، މެސީ ވެސް ހުރީ އެނބުރި ބާސެލޯނާއަށް އައުމަށް ތައްޔާރަށް ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

މެސީ ބާސާއަށް ގެނެވޭނެ ކަމަށް ފުރަތަމަ ފަހަރަށް ލަލީގާގެ ރައީސް ބުނިއިރު، މީގެ ދެ އަހަރު ކުރިން އެ ކުލަބު ދޫކޮށް މެސީ ދާންޖެހުނީ މާލީ މައްސަލަތަކާ ގުޅިގެން ލަލީގާއިން އޭނާގެ އެއްބަސްވުން އާ ނުކޮށްދިނުމުންނެވެ.