ތަފާތު އެކި ދުވަސްތައް ފާހަގަކުރުމަށް އާއިލާގެ މެމްބަރުންނަށާއި ރައްޓެހި، ރަހުމަތްތެރިންނަށް އަދި އެހެން މީހުންނަށް ވެސް މެސެޖު ފޮނުވުމަކީ އާދަކާދައިގާ ކަންހިނގަމުން އަންނަގޮތެވެ.
ކާބަފައި ދުވަސްވަރު، އަމިއްލަ އަތުން ލިޔެ، ކުރަހައިގެންތަފާތު އެކު ފަރުމާތަކަށް މިފަދަ މެސެޖުތައް ފޮނުވި ޒަމާން މިއަދު މިވަނީ ފަހަނައަޅައި ގޮސްފައެވެ. ބަވަނަވެފައިވާ މި ދުނިޔޭގައި މިފަދަ މެސެޖުތައް މިހާރު ފަރުމާކުރަނީ މަސްނޫޢީ ސިކުނޑީގެ ބޭނުން ކޮށްގެންނެވެ. އެމީހަކު ބޭނުން ގޮތަކަށް ފަރުމާ ކުރެވެއެވެ.
އޭގެތެރޭގައި އެދުވަސްވަރަކު މުޖުތަމައުގައި އެންމެހިނގާ ނުވަތަ ގިނަބަޔަކަށް އެންމެކަމުދާ ފަރުމާތައް ނުވަތަ ކަމުދާނެހެން ހީވާ ފަރުމާތައް އަންނަނީ ފެންމަތިވެ، އާންމުވަމުންނެވެ.
އެގޮތުން މިއަހަރުގެ ބަރަކާތްތެރި ފިތުރު އީދުގެ ތަހުނިޔާގެ މެސެޖުތައް އަންނަމުންދިޔައިރު، އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވުނު ފަރުމާއަކީ ޕްލާސްޓިކް ކޮތަޅުގައި އީދުގެ ތަހުނިޔާ ލިޔެ، ފޮނުވާފައިވާ ތަފާތު މެސެޖުތަކެވެ. މިއީ މިފަހުން ރާއްޖޭގައި ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުމާއި އެކު ފަރުމާވެގެން އައި މެސެޖެކެވެ.
އެހެންނަމަވެސް އަޅުގަނޑުގެ ހިތަށް އަރަނީ މިއީ ހަމަ މުނާސަބު މެސެޖެއްބާއެވެ. ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް އޮތް ގައުމެއްގައި އަދި ޚާއްސަކޮށް ތިމާވެށި ހިމާޔަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ގައުމެއްގައި މިފަދައިން މެސެޖު ދައުރުކުރުމަކީ އެންމެ ތަހުޒީބު ގޮތްބާއޭ ވެސް ހިތަށް އަރައެވެ.
މިއީ ފަހަރެއްގައި ވެސް ވަކި ތިލަފަތަކަށް ބުރަވެ، ބުނާ އެއްޗެއް ނޫނެވެ. ތަހުޒީބަކީ ހަމައެކަނި އަހަރުމެން ލާ ހެދުމުންނާއި އަތުގައި އަޅާ ގަޑިން ނުވަތަ އެންމެފަހުގެ ފޯނު ގެންގުޅުވުން ވެވޭ އަދި ވާއެއްޗެއް ވެސް ނޫނެވެ. ފުރިހަމަ ތަހުޒީބީ މުޖަތަމައެއްގެ ބިނާ ކުރެވޭނީ މިފަދަ މެސެޖުތަކުން އަހަރުމެންގެ ސިކުނޑި ތަޣައްޔަރު ނުކޮށް، އެފަދަ ކަންކަމުން ސަލާމަތްވެ، ރިވެތި އަޚުލާގެއްގައި ދެމިތިބުމުންނެވެ.
މި ލިޔުމުގެ ސަބަބުން ހިތްހަމަ ނުޖެހޭ ބަޔަކު ވެސް ތިބޭނެ އެވެ. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ ޕްލާސްޓިކް ނޫން އެއްޗިއްސަށް އަހަންމިއްޔަތުކަން ދީ، ދިވެހި މުޖަތަމައު ޕްލާސްޓިކަށް ނޫނެކޭ ބުނަންޖެހޭ ކަމެވެ.
ވިޔަފާރިކުރަން ދާއިރު، ފޮތި ކޮތަޅެއް ހިފައިގެން ދިއުމަކީ “ހުތުރު’ ކަމެއް ނޫނެވެ. ދުނިޔޭގައި ތަހުޒީބުވެފައިވާ ބައެއް ގައުމުތަކުގައި ކަންކުރަނީ ވެސް މިބީދައިންނެވެ. އެގައުމުތަކުގައި ބޮޑެތި ޝޮޕިންގ މޯލުތަކަށްދާއިރު، އަމިއްލަ ކޮތަޅު ގެންދިއުމަކީ ރިވެތި އާދައެކެވެ. އެއީ އެމީހުން ފަޚުރުވެރިވާ ކަމެކެވެ.
އެހެންވީއިރު، ދިވެހިރާއްޖެފަދަ، ނަމޫނާ ގައުމެއްގައި އެކަން ހަޑި ކަމަކަށްވާންވީ ކީއްވެތޯއެވެ. އަޅުގަނޑުމެންނަށް ވެސް ޕްލާސްޓިކަށް ނޫނެކޭ ބުނެވޭނެއެވެ. ބޭނުންވަނީ ވިސްނުމަށް ގެންނަ ބަދަލަކާއި ހިތްވަރާއި ކެރުމެވެ.
ޚާއްސަކޮށް އަހަރުމެންގެ ސިކުނޑިއަށް ތަހުޒީބަކީ ކޮން އެއްޗެއްކަމާއި ތަހުޒީބުވުމަކީ ކޮބައިކަން ދެނެގަތުމެވެ.