English Edition
Dhivehi Edition

ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން މިއަދު ދިރާގުން ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ އަދި ދިރާގު އީދު ހަދިޔާއަށް އާންމުންގެ ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ދިރާގު އީދު ބޯކިބާ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލޭ އަރޓިފިޝަލް ބީޗް އަދި ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

މި ހަރަކާތް މާލޭގައި ކުރިއަށް ގެންދިޔައީ މާލެ ސިޓީ ކައުންސިލާއި ގުޅިގެންނެވެ. އަދި ހުޅުމާލޭގައި ކުރިއަށް ގެންދިޔައީ އަރބަންކޯއާ ގުޅިގެންނެވެ.

މީގެ އިތުރުން އެހެނިހެން އަހަރުތަކެކޭ ވެސް އެއްފަދައިން ދިރާގުންވަނީ ކުޑަ ކުދިންނަށް އަމާޒުކޮށް ދިރާގު އީދު ހަދިޔާ ގިފްޓް ޕެކްވެސް އީދު ނަމާދަށް ފަހު ބަހާފައެވެ.

އެގޮތުން މާލެ އާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައިވެސް ވަނީ ދިރާގުން މި ހަރަކާތް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތާއި ގުޅިގެން ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ 1444ވަނަ އަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް އެ ކުންފުނިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ގިނަ ބަޔަކު ބައިވެރިވެ ޝާމިލްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިފަދަ އިޖްތިމާޢީ ހަރަކާތްތަކުގެ ޒަރިއްޔާއިން އޯގާތެރިކަން ފެތުރުމާއި އިޖްތިމާޢީ ރޫހު އެކި ފަރާތްތަކުގެ މެދުގައި އާލާކުރުމަކީ ދިރާގުން އަބަދުވެސް ޚާއްސަ ސަމާލުކަން ދޭ ކަމެއްދޭ ކަމަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުންނަށް ތަފާތު ގިނަ އިޖްތިމާޢީ ހަރަކާތްތައް ގެނެސްދީ އެ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ މުއްސަނދިކޮށްދިނުމަށެވެ.

ޓެގު