English Edition
Dhivehi Edition
ކ. ގުރައިދޫ ދާއިރާެ އިންތިޚާބު ކާމިޔާބުކުރެއްވި އިބްރާހިމް ޝާޒު

ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

މި މަހުގެ 15 ވީ ހޮނިހިރުދުވަހު ބޭއްވި މި ބައި-އިލެކްޝަންގެ ދާއިމީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ އިބްރާހިމް ޝާޒަށް ވަނީ 1,346 ވޯޓު ލިބިވަޑައިގެންފައެވެ. އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 49.96 އިންސައްތައެވެ.

ޕީޕީއެމް އިން ވާދަކުރެއްވި ހުސެން ރިޒާއަށް 1226 ވޯޓު ލިބިވަޑައިގެންނެވިއިރު، އެއީ ވޯޓުލީ މީހުންގެ ނިސްބަތުން 45.51 އިންސައްތައެވެ. އަދި އެމްއެންޕީގެ ކެނޑިޑޭޓަށް ލިބިވަޑައިގަތީ 122 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 4.53 އިންސައްތައެވެ.

މި އިންތިޚާބުގައި ޖުމްލަ 2755 މީހުން ވޯޓުލާފައިވާއިރު، އޭގެތެރޭގައި 1431 ފިރިހެންނުންނާއި 1324 އަންހެނުން ހިމެނެއެވެ. ބާތިލު ވޯޓުގެ އަދަދަކީ 61 އެވެ.

އިންތިޚާބުގައި ގުރައިދޫގައި 2 ވޯޓު ފޮށި، މާފުށީގައި 2 ވޯޓުފޮށި، ގުޅީގައި 1 ފޮށީގެ އިތުރުން އެދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައެވެ.

މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން ބޭއްވީ އެ ދާއިރާގެ މެމްބަރުގެ ގޮތުގައި ހުންނެވި، އިބްރާހިމް ރިޒާ ކެންސަރު ބައްޔަށް ފަރުވާހޯއްދަވަމުން ގެންދަވާތާ ދެ އަހަރެއްހާ ދުވަސްވެފައި ވަނިކޮށް، އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ ފަރުވާ ހޯއްދެވުމަށް މެލޭޝިއާގައި ހުންނަވަނިކޮށެވެ.