English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން އައްޑޫ ސިޓީ އަށާއި ކުޅުދުއްފުށި ސިޓީއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އެ ކުންފުނިން ބުނީ މި ދަތުރުތައް ފެށުމަށް ބޯޓެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

އެމްއެސްއެސް އިން 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ވެސް އިންޑިއާގެ ޓުޓްކޮރިންއިން އައްޑޫ ސިޓީއަށް ދަތުރުތައް ފެށިނަމަވެސް މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި އެ ދަތުރުތައް ވަނީ ހުއްޓާލާފައެވެ. އެއީ އައްޑޫން އެކަށީގެންވާ ތަރުހީބެއް ނުލިބޭތީ ކަމަށް ކުރިންވަނީ ބުނެފައެވެ.

އެހެންނަމަވެސް މިހާރު ގެންނަ ބޯޓަކީ ކުރިން ބޭނުންކުރި ބޯޓަށްވުރެ ކުޑަ އަދި އެ ސަރަހައްދުގައި އޮޕަރޭޓްކުރުމަށް އެންމެ އެކަށީގެންވާ ބޯޓެއް ކަމަށާއި މިދަތުރުތަކަށް ކުރިން ނުލިބުނު ތަރުހީބު މިފަހަރު ލިބޭނެކަމަށް އުއްމީދުކުރާކަމަށް އެމްއެސްއެސް އިން ބުނެއެވެ.

މި ދަތުރުތައް ފެށުމަށް ރާއްޖެ ގެންނަ ބޯޓު ކުރިއަށްއޮތް ދެތިން މަސްދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށާއި މި ދަތުރުތަކާއެކު މާލެއިން ކުޅުދުއްފުއްޓަށް ނުވަތަ އައްޑޫއަށް މުދާ އުފުލުމުގައި މިހާރުދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެމްއެސްއެސްއިން ބުނެއެވެ.

އައްޑޫ ސިޓީއަށް ކުރިން ފެށި ދަތުރުތަކުގައި އެ ކުންފުނިން ބޭނުންކުރީ 4000 ޓަނުގެ ބޯޓެކެވެ. އެހެންނަމަވެސް އައްޑޫ ވިޔަފާރިވެރިންގެ މުދާ ހިއްސާކުރާ ނިސްބަތް ވަރަށްދަށް ކަމަށާއި އެއީ އެންމެ 300 ޓަނު ކަމަށް އެމްއެސްއެސްއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން އާންމު ގޮތެއްގައި މިހާރު މުދާ ގެންނަ ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދުބާއީ، ބެންކޮކް، ސިންގަޕޯރ، މެލޭޝިއާ، ތައިލޭންޑް، ކުވެއިތު، އިންޑޮނޭޝިއާ އަދި ޗައިނާ އެވެ.