English Edition
Dhivehi Edition

ހުޅުދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން ހިންގަވާ ކޯސްޓަލް ޕްރޮޖެކްޓްގައި ހުޅުދޫގެ ގިރާ ސަރަހައްދުގެ 300 މީޓަރުގައި ބޮޑު ހިލަޖަހައިފިއެވެ. އާރް އާރް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ދަށުން 1300 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލަ ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އާރުއާރުގެ ޕްރޮޖެކްޓް މެނޭޖަރ ހެމަންތާ “އޭއޯނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މަސައްކަތް ހަލުވި ސްޕީޑްގައި ކުރިއަށްދާ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. 24،446،024.96 ރުފިޔާގެ މި މަޝްރޫއަކީ ދިވެހި ސަރުކާރުން ފަންޑުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެޕްރިލް މަހުގެ 28 ވަނަ ދުވަހު ރަސްމީކޮށް މަސައްކަތް ފަށާފައިވާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހަށް ޕްރޮޖެކްޓް އެކީގައި ނިންމަން ޖެހެއެވެ. ގިރާ ސަރަހައްދުގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ވެސް ގެންދަނީ ކުރަމުންނެވެ. އެގޮތުން މަސައްކަތް ނިންމާލާއިރު ހުޅުދޫގެ ވަށައިގެން އޮންނަ މަގު ފުޅާކޮށް ދުއްވާއެއްޗެއްސަށް ފަސޭހަކަމާއެކު ދެކޮޅަށް ދުއްވޭފަދަ މަގެއް ހެދިފައިވާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ހުޅުމީދޫ ޔުނިޓްގެ ކޯޑިނޭޓަރ މުހައްމަދު ޖަމީލް ވިދާޅުވިއެވެ. “އުއްމީދުކުރަނީ މި މަސައްކަތް ނިމޭިއރު މިތަނުގައި ތާރުއަޅައި ވަށައިގެން ދުއްވޭފަދަ ފެންވަރުގެ މެރިންޑްރައިވެއް ހެދިފައި އޮތުން” ޖަމީލު ވިދާޅުވިއެވެ. ހުޅުދޫ އަދި މީދޫއަކީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ތަނެކެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ހުޅުދޫގެ ގޮނޑުދޮށުގެ ގިރާ ސަރަހައްދުން 1200 ފޫޓުގެ ދިގުމިނުގައި ވަނީ ތޮށިލާ އެސަރަހައްދުން ބައެއް ހިމާޔަތްކޮށްފައެވެ. އަދި މިހާރުގެ ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތް ނިމުމުން ހުޅުދޫގެ ގޮނޑުދޮށް އެކީގައި ކަހަލަ ގޮތަކަށް ހިމާޔަތް ކުރެވިގެންދާނެއެވެ. ހަމަ މިއާއެކު މީދޫގެ ގިރާ ސަރަހައްދުގެ ބޮޑު ބައެއްވެސް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހުޅުދޫގެ މަޖިލިސް މެމްބަރު މެމްބަރު މުޙައްމަދު ޝާހިދު (ޝާޑް) ވަނީ ވިދާޅުވެފައެވެ. އެގޮތުން ހުޅުދޫގައި ބޮޑުހިލަޖެހުމުގެ މަސައްކަތް ކުރާ ސަރަހައްދުން ފެށިގެން މީދޫގެ ހުރަސް މަގާ ހަމައަށް ތޮށިލެވޭނެ ކަމަށް ޝާޑުވަނީ ވިދާޅުވެފައެވެ. މި މަޝްރޫއުގެ ސަބަބުން ހުޅުމީދޫގެ ރަށްގިރުމުގެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެ ކަމަށް ޝާޑު ވިދާޅުވިއެވެ. ހުޅުދޫގެ ކޯސްޓަލް މަޝްރޫއު އިފްތިތާޙް ކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުގައެވެ. މި މަޝްރޫއު އިފްތިތާހްކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީ އޮނަރަބަލް ތޯރިޤް އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި ހުޅުމީދޫގެ ރައްޔިތުންނާއި މުހާތަބު ކުރައްވަމުން މިނިސްޓަރ ތޯރިޤް ވިދާޅުވީ އައްޑޫ ސިޓީގައި އަދި ވަކިން ހާއްސަކޮށް ހުޅުދޫގައި މި ފަދަ ބޮޑު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ހުޅުދޫ ދާއިރާގެ އެމްޕީ މުހައްމަދު ޝާހިދުގެ ބުރަމަސައްކަތުން ކަމަށެވެ. ” މި ސަރުކާރަކީ ވާހަކަ ދައްކާ ސަރުކާރެއް ނޫން. އަމަލުން ދައްކަމުން ދާ ސަރުކާރެއް .ތަރައްގީ ޔަގީން ކޮއްދެއްވާ ސަރުކާރެއް” މިނިސްޓަރ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން ކޮށްދެއްވާ ކަންތައްތަކަށް ޝުކުރުވެރިވާ ކަމަށާއި 2018 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖެ ނުދެކޭ ފަދަ ތަރައްގީއެއް ފެނިގެން ދާނެކަމަށް ތޯރިގް ވިދާޅުވިއެވެ. ސަރުކާރުން އިސްނަގައިގެން އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ދަނީ ތަފާތު ބޮޑެތި މަޝްރޫއުތައް ފަށައި ކާމިޔާބު ކަމާއިއެކީ ނިންމަމުންނެވެ.