English Edition
Dhivehi Edition

ލައިލަތުލް ޤަދްރިއަކީ ކަނޑައެޅިގެން ކޮން ރެއެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފުވެފައިވެއެވެ. فتح الباري ގައިވާ ގޮތުން މިކަމުގައި ސާޅީހަށް ވުރެ ގިނަ ބަސްފުޅުވެއެވެ. މި ބަސްފުޅުތަކުގެ ތެރެއިން އެންމެ ރަނގަޅު ބަސްފުޅަކީ އެ ރެއަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުން ރެއެކެވެ.

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«تَحَرَّوْا لَيْلَةَ القَدْرِ فِي الوِتْرِ، مِنَ العَشْرِ الأَوَاخِرِ مِنْ رَمَضَانَ» [رواه البخاري (2017)]

މާނައީ: “ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކުރާށެވެ.”

އިމާމް އަލްބުޚާރީ رحمه الله މި ޙަދީޘް ގެންނަވާފައިވަނީ “ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކުރުން ނަންގަތް ބާބު” ގައެވެ.

އެ ރޭ ވަންހަނާވެގެންވުމުގެ ޙިކުމަތްތަކީ ފަހުދިހައިގެ ހުރިހާ ރެއެއްގައި ދުޢާކުރުމާއި ޛިކުރުކުރުމާ އަދި އެނޫންވެސް އަޅުކަންތަކުގައި ވަގުތުހޭދަކޮށް އެރޭގެ ހެޔޮކަން ޙާޞިލުކުރުމަށް ގަދައަޅާ މަސައްކަތްކުރުމަށް މުސްލިމުންނަށް ހިއްވަރު ދިނުމެވެ. އެއީ ހުކުރުދުވަހުގައިވާ ދުޢާ އިޖާބަކުރައްވާ ވަގުތުވެސް ކަނޑައެޅިގެން ބަޔާންކުރައްވާފައި ނުވާ ފަދައިންނެވެ. އަދި ﷲ ތަޢާލާގެ ނުވަދިހަ ނުވަ އިސްމުފުޅުވެސް ކަނޑައެޅިގެން ބަޔާން ކުރައްވާފައި ނުވާ ފަދައިންނެވެ.

އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ވިދާޅުވެފައިވެއެވެ.

“(قَوْلُهُ بَابُ تَحَرِّي لَيْلَةِ الْقَدْرِ فِي الْوِتْرِ مِنَ الْعَشْرِ الْأَوَاخِرِ) فِي هَذِهِ التَّرْجَمَةِ إِشَارَةٌ إِلَى رُجْحَانِ كَوْنِ لَيْلَةِ الْقَدْرِ مُنْحَصِرَةً فِي رَمَضَانَ ثُمَّ فِي الْعَشْرِ الْأَخِيرِ مِنْهُ ثُمَّ فِي أَوْتَارِهِ لَا فِي لَيْلَةٍ مِنْهُ بِعَيْنِهَا وَهَذَا هُوَ الَّذِي يَدُلُّ عَلَيْهِ مَجْمُوعُ الْأَخْبَارِ الْوَارِدَةِ فِيهَا”. [فتح الباري 4 / 260]

މާނައީ: “”ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރޭތަކުގައި ލައިލަތުލް ޤަދްރި ހޯދުމަށް މަސައްކަތްކުރުން ނަންގަތް ބާބު”، އެކަލޭގެފާނުގެ (އެބަހީ: އިމާމު އަލްބުޚާރީގެ) މި ބަސްފުޅުން އިޝާރާތްކުރަނީ ލައިލަތުލް ޤަދްރިއަކީ ރަމަޟާންމަހުގައިވާ ރެއެއް ކަމެވެ. އަދި އެރޭވަނީ އެމަހުގެ ފަހުދިހައިގައި ކަމެވެ. އަދި ފަހުދިހައިގެ ތެރެއިންވެސް އޮނަހިރި ރެއެއްގައ ިކަމެވެ. އެއިން ކޮން ރެއެއްކަން ކަނޑައަޅުއްވާ ބަޔާން ނުކުރައްވައެވެ. އެ ރެއާ ބެހޭގޮތުން ވާރިދުވެގެން އައިސްފައިވާ ބަސްފުޅުތައް އެއްކޮށްލުމުން ދަލީލުކޮށްދެނީ މިފަދައިންނެވެ.”

އަދިވެސް ވިދާޅުވެފައިވެއެވެ.

“قَالَ الْعُلَمَاءُ الْحِكْمَةُ فِي إِخْفَاءِ لَيْلَةِ الْقَدْرِ لِيَحْصُلَ الِاجْتِهَادُ فِي الْتِمَاسِهَا بِخِلَافِ مَا لَوْ عُيِّنَتْ لَهَا لَيْلَةٌ لَاقْتُصِرَ عَلَيْهَا”. [فتح الباري 4 / 266]

މާނައީ: “ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ލައިލަތުލް ޤަދްރި ވަންހަނާވެގެންވުމުގެ ޙިކުމަތަކީ މީސްތަކުން އެރޭ ހޯދުމަށް މަސައްކަތްކުރުމެވެ. އެއާ ޚިލާފަށް އެރެއަކީ ކޮން ރެއެއްކަން ކަނޑައެޅިގެން އެނގޭނަމަ ހަމައެކަނި އެރޭ އަޅުކަމަށް ޚާއްޞަކުރާނެއެވެ.”

މަޝްދަރު: ދިސަލަފިއްޔާ