English Edition
Dhivehi Edition

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ އަހަރީ ދުވަހާއި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެޗުއާރުއެޗުން ކުޅިވަރު ފެސްޓިވަލެއް އިއްޔެ ފަށައިފިއެވެ.

ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި އަހަރީދުވަސް ފާހަގަކުރުމުގެ ގޮތުން ވަނީ މުވައްޒަފުން ޓީމްތަކަށް ބަހާލައިގެން ތަފާތު ކުޅިވަރު މުބާރާތްތަކެއް ބާއްވަން ފަށައިފައެވެ. މި ހަރާކަތް ފެށުމުގެ ގޮތުން އިއްޔެ ހަވީރުވަނީ ސްވިމިން ޓްރެކުގައި ފެތުމުގެ މުބާރާތެއް ބާއްވައިފައެވެ. މިއަދު ހަވީރުވަނީ ބެޑްމިންޓަން މުބާރާތެއް ބާއްވައިފައެވެ. އެމުބާރާތް ބާއްވައިފައިވަނީ ހޮރައިޒަން އެކެޑަމީގައެވެ. އޭގެ އިތުރަށް ފުޓުސަލް މުބާރާތެއް މިހާރު ކުރިއަށް އެބަދެއެވެ. އެމުބާރާތް ކުރިއަށްދަނީ ހިތަދޫ ޔޫތުސެންޓަރުގެ ފުޓުސަލް ދަނޑުގައެވެ.

މާދަމާ ހަވީރުވެސް މި ހަރަކާތުގެ ތެރޭގައި ހިމެނޭ ކުޅިވަރުތައް އޮންނާނެއެވެ. މާދަން ހަވީރު އޮންނާނީ ރިލޭއެކެވެ. އެ މުބާރާތް އޮންނާނީ މާދަމާ ހަވީރު 15:30 ގައި ކުރީގެ އީސީސީ ކައިރީގައެވެ. މި ފެސްޓިވަލުގައި ހިމެނޭ ކުޅިވަރުތައް ނިންމާލުމުގެ ގޮތުން މިމަހުގެ 21 ވަނަ ދުވަހު މިނީސްޕޯޓްސް ބާއްވާނެއެވެ. އެކަން ކުރިއަށްދާނީ ހަވީރު 15:30 ގައި އެޗުއާރުއެޗުގައެވެ.

މި މުބާރާތްތަކުގެ ވަނަތައް ހޮވައި އިނާމާއި ހަނދާނީ ލިޔުން ދިނުން އޮންނާނީ އެޗުއާރުއެޗުގެ އަހަރީ ދުވަސް ކަމަށްވާ ނޮވެމްބަރު 24 ގައެވެ. މިއީ އެތަނުގެ 33 ވަނަ އަހަރީ ދުވަހެވެ.