English Edition
Dhivehi Edition

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނީ އެޕްރިލް 11 އިން ފެށިގެން 20 އެޕްރިލްވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ޞަލާޙުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު)ގައެވެ. ގޮވާމުން ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާ ބޭފުޅުން ބޭނުންކުރައްވާނެ ގޭޓަކީ، ކުރީގެ ދަރުމަވަންތަ ސްކޫލުގެ (އަމީރު އަޙްމަދު މަގުގައިވާ) މައި ގޭޓެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފާ ބާވަތްތަކަކީ:

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00، މެންދުރުފަހު 13:00 އިން 15:15އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.

ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު މާލެ ސިޓީގައި، ފިޠުރު ޒަކާތް ފައިސާއިން ބަލައިގަތުންވެސް ކުރިއަށްދާނެއެވެ. އިސްލާމީ މަރުކަޒުގެ ހޯލުގައި ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 13:00 އަށް ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނެއެވެ. އަދި އަތޮޅުތެރޭގައި ކައުންސިލް އިދާރާތަކުން ހަމަޖައްސާ ގޮތެއްގެ މަތިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާއިރު އޮންލައިން ޕޯޓަލްތަކުންވެސް ފިޠުރު ޒަކާތް ދެއްކޭނެއެވެ.