English Edition
Dhivehi Edition

އަލް ނަޞްރަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް އެންޑަސަން ޓަލިސްކާ އެއްބަސްވުން އެ ކުލަބުން އައުކޮށްފި އެވެ.

ޗައިނާގެ ގުއެންޒޯ ދޫކޮށް ޓަލިސްކާ އަލް ނަޞްރަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އެއަހަރު އެ ކުލަބަށް އޭނާ ގުޅުނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން މިއީ އަލް ނަޞްރުން ޓަލިސްކާގެ އެއްބަސްވުން އައުކުރި ފުރަތަމަ ފަހަރެވެ.

އެންމެ ފުރަތަމަ ޓަލިސްކާ އަލް ނަޞްރާއި އެކު ހެދިި އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެހެން ނަމަވެސް ޓަލިސްކާ އާއި އަލް ނަޞްރާއި ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު މިހާރު ވަނީ އައު އެއްބަސްވުމުގައި ސޮއި ވެސް ކޮށްފަ އެވެ. އަލް ނަޞްރާއި އެކު ޓަލިސްކާ ހަދާފައިވާ އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ނިޔަލަށެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޓަލިސްކާ ބުނީ، އަލް ނަޞްރު މިހާރު އޮތީ ކޯޗާއި އޭނާގެ އެހެނިހެން ސްޓާފުންނާއެކު ދާން ބޭނުންވާ އަމާޒަށް މިސްރާބު ހިފާފައި ކަމަށެވެ. އޭނާ ބުނީ މިހާރު ލިބިފައިވާ ފުރުސަތަކީ ވަރަށް ޚާއްސަ ކަންތައްތަކެއް ހާސިލްކުރުމަށް ލިބިފައިވާ ރަނުގެ ފުރުސަތެއް ކަމަށެވެ. ރޮނާލްޑޯ އާއި އެކު ކުޅެލަން ފުރުސަތު ލިބުމަކިީ އުފާކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ. އަދި ކުލަބުގައި މަޑުކުރުމަށް ރޮނާލްޑޯ ނަސޭހަތްރެިވެފައިވާ ކަމަށްވެސް ޓަލިސްކާ ބުންޏެވެ.

ޓަލިސްކާގެ އެއްބަސްވުން އައުކުރުމާއި ގުޅިގެން ވާހަކަ ދައްކަމުން އަލް ނަޞްރުގެ ކޯޗު ރުޑީ ގާސިއާ ބުނީ، ޓަލިސްކާގެ އެއްބަސްވުން އައު ކުރުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި ޓަލިސްކާ ވަނީ މި ސީޒަންގައި ވެސް މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ވެސް ޖަހައިފައެވެ. މީގެ އިތުރުން ގާސިއާ ބުނީ ޓަލިސްކާ އަކީ މިޒަމާނަށް ފިޓުވާ ފޯވަޑެއް ކަމަށެވެ.

އުމުރުން 29 އަހަރުގެ އެ ކުޅުންތެރިޔާ ވަނީ މިހާތަނަށް އަލް ނަޞްރަށް ކުޅެދިން 51 މެޗުގައި 39 ލަނޑު ޖަހައިފަ އެވެ. އަލް ނަޞްރަށް ބަދަލުވި ފަހުން ޓަލިސްކާ އަންނަނީ އެ ޓީމުގެ ފޯވަޑް ލައިނުގައި މުހިންމު ދަައުރެއް އަދާކުރަމުންނެވެ.