English Edition
Dhivehi Edition

އެއްވެސް ސަބަބެއް މެދުވެރި ނަމަވެސް ދުވަހަކުވެސް އަނބިމީހާ ވަރިނުކުރަން ވައުދުވި ފިރިހެނަކު ވައުދާއި ޚިލާފުވެ، އޭނާގެ އަނބިމީހާ ވަރިކުރުމުގެ ކުށުގައި ދެ ކިލޯ ބަރުދަނުގެ ރަން އެ ވަރިކުރި އަންހެންމީހާއަށް ދިނުމަށް ސައުދީ އަރަބިއާ ކޯޓަކުން ފިރިހެން މީހާގެ މައްޗަށް ހުކުމްކޮށްފިއެވެ.

މި ދެ މީހުން ކައިވެނިގެ ގޮތުން ގުޅުނީ ގިނަ ވައުދުތަކެއް ވުމަށް ފަހުގައެވެ. އެގޮތުން އެއްވެސް މައްސަލައެއް ޖެހިގެން އެއްވެސް ސަބަބެއް މެދުވެރިވެގެން ވިޔަސް ވަރި ނުކުރެވޭގޮތައް ދެމީހުންގެ ދެމެދުގައި އެއްބަސްވުމަށްފަހު މި ދެމީހުން ކައިވެނި ކުރީ މީގެ އަހަރެއް ކުރިންނެވެ.

ނަމަވެސް ފިރިހެމް މީހާވަނީ އާއިލާ މައްސަލަތަކެއް ޖެހި ވަރިނުކުރަން ވައުދުވި އަންހެންމީހާ ވަގުތުން ވަރިކޮށް ގެއިންވެސް ނެރެލާފައެވެ. މިކަމާއި ގުޅިގެން މި އަންހެން މީހާ ވަނީ އޭނާ ވަރިކުރިމައްސަލަ ކޯޓަށް ހުށައަޅާފައެވެ. އަދި ދެމީހުން ކައިވެނިކުރުމުގެ ކުރިން ވީ ވައުދުތަކާއި އަޙޫދުތަކުގެ ލިޔެކިޔުންތައްވެސް އެ އަންހެން މީހާ ވަނީ ކޯޓަށް ލާފައެވެ.

މި މައްސަލައާއި ގުޅިގެން ކޯޓުންވަނީ މި ދެމީހުން ކޯޓަށް ހާޟިރުކޮށް ކަންތައް ވީގޮތާއި މެދު ސުވާލުކޮށްފައެވެ. އަދި މި ވަރީގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކޯޓުން ހުކުމް އިއްވިއެވެ. ކޯޓުން ހުކުމް އިއްވީ ވަރިނުކުރަން ވި ވައުދާއި ޚިލާފަށް އަނެހެނުން ވަރިކޮށްފައިވާތީ 2 ކިލޯ ރަން ނުވަތަ އެއަށްވާ އަގު އަންހެން މީހާއަށް ދިނުމަށެވެ. ކޯޓުން ބުނީ ވަރީގެ ބަދަލު 2 ކިލޯ ރަން ދޭން ހުކުމް ކުރީ ދެމީހުން އެއްބަސްވެ ސިއޮކޮށްފައިވާ ލިޔުމުގައި ބަދަލެއްގެ ގޮތުން ދެ ކިލޯ ރަން ނުވަތަ އެއަށްވާ އަގު ދޭން އޮތުމުންކަމަށެވެ.

އަދި ކޯޓުން ބަދަލުދޭން ހުކުމް ކުރި މުއްދަތައް ވުރެ ބަދަލު ދިނުން ލަސްވާ ކޮންމެ ދުވަހަކަށް 500 ސައުދީ ޔިލާލް އިތުރަށް ދޭން ޖެހޭގޮތަށް ކޯޓުން އިއްވި ހުކުމުގައި ވަނީ ބުނެފައެވެ.