English Edition
Dhivehi Edition

ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވިޔަނުދީ ރައްކާތެރި ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ 2023 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިތާބުގައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ގޮތުން، ކެމިކަލްތަކާއި ޞިއްޙަތަށް ނުރައްކާތެރި ވިހަ މާއްދާތައް ބޭނުންކުރުމުގެ ބަދަލުގައި، ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރުމަށް މަސައްކަތްކުރުމަށާއި، ޤުދުރަތީ ވެށި އޭގެ ޠަބީޢީ ގޮތުގައި ދެމެހެއްޓުމަށް، ގަދައަޅައި މަސައްކަތް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވާލެއްވިއެވެ.

މި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރާ މުނާސަބާ އިއްތިފާޤުވެފައިވާ އަނެއް މުނާސަބަތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއަށް 75 އަހަރު ފުރުންކަން ފާހަގަކުރައްވައި، ފާއިތުވި 75 އަހަރުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެންމެހައި ދިވެހިންގެ ނަމުގައި އެ ޖަމްޢިއްޔާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މިއަހަރުގެ ޞިއްޙަތު ދުވަހަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރުކަމުގައިވާ “ޞިއްޙަތު އެންމެނަށް” މި ޝިޢާރަކީ ރާއްޖޭގައި އަލުން ފުޅާކުރަން ޖެހިފައިވާ ޕަބްލިކް ހެލްތު ދާއިރާއާ ވަރަށް ގުޅުން ހުރި ޝިޢާރެއްކަމަށާއި، ދައުލަތުގެ ފަރާތުން އިންތިޒާމީ ގޮތެއްގައި ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމުގައި މި ހޭދަވި މުއްދަތުގެ ތެރޭގައިވެސް، އެންމެ ކާމިޔާބު ޞިއްޙީ ޚިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން، ރައްޔިތުންގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ ނިޒާމުކަމުގައި ވިދާޅުވެފައެވެ.

އަދި، އެމަނިކުފާނު ވަނީ ރާއްޖޭގެ މިހާރުގެ ޙާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ދުނިޔޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު، ޢާންމު ޞިއްޙަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުންކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު މަތިވަމުން ދިއުމަކީ، ޞިއްޙީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވާފައެވެ. އަދި، އެފަދަ ބަލިތައް ދިވެހިންގެ މެދުގައި ފެތުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް، ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއް ކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ