English Edition
Dhivehi Edition
ރާއްޖެއިން އިއްޔެ ޢުމްރާއަށް ފުރި ބައެއް ޢުމްރާވެރިން އެއާޕޯޓްގައި

ޢުމްރާ ވިސާއަކީ 3 މަސްދުވަހަށް ދުރާލާ ލިބޭ އެއްޗަކަށްވާއިރު، އައްޞަފާ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް މި ރަމަޟާން މަހު ފުރަން ހަމަޖެހިފައި ތިބި މީހުންގެ ވިސާ ހަމަޖެއްސުމަށް ކުންފުނިން ކުރިން މަސައްކަތް ކޮށްފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އައްޞަފާ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް މިއަހަރު ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް ފައިސާ ދެއްކި މީހުންނަށް ނުފުރުނު މައްސަލައިގައި، މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ މި މައްސަލަ ދިމާވެފައި ވަނީ ސަޢުދީ ސަރުކާރުން ނުވަތަ ދިވެހި ސަރުކާރުން ދޭންޖެހޭ އެއްވެސް ހުއްދައެއް ނުލިބިގެން ނޫންކަމަށެވެ.

މިނިސްޓްރިއިން ވިދާޅުވީ، ޢުމްރާ ވިސާއަކީ ސަޢުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އެެޖެންސީތަކުން ޢުމްރާ ކުންފުނިތަކަށް ދޭ ޚިދުމަތެއްކަމަށެވެ. އެގޮތުން މި ވިސާއަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންވެސް ފޯރުކޮށްދޭ ޚިދުމަތެއްކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެ ކުންފުނިން ވިސާ ހޯދަން އެދުނު ސަޢުދީ އެޖެންސީއިން މިހާތަނަށް ވިސާގެ ކަންކަން ހަމަޖެހިފައި ނުވާކަމަށް ބުނެ ޢުމުރާ ވެރިންގެ ދަތުރު ކެންސަލް ކުރި މައްސަލައާއި ގުޅިގެން މިނިސްޓްރީން ވިދާޅުވީ މިފަދަ މަތިވެރި އަޅުކަމަކަށް ދިއުމަށް ފައިސާ ދައްކާ، ފުރަން އޮންނަ ދުވަހަށް، ދަތުރުވެރިނަން ފުރޭގޮތް ނުވުމަކީ މިނިސްޓްރީއިން ކަންބޮޑުވާ ކަމެއްކަމަށެވެ.

އަދި ނުފުރުނު މައްސަލައިގައި، ކަން ހިނގާދިޔަގޮތް ބަލަމުންދާކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޢުމްރާވެރިންގެ އަތުން އިތުރު ފައިސާއެއް ނެގުމާއި ނުލާ ލަސްނުކޮށް ވީހާވެސް އަވަހަށް، މި ރަމަޟާން މަހުގެ ޢުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީއިން އެ ކުންފުންޏަށް ވަނީ އަންގާފައެވެ.