English Edition
Dhivehi Edition

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރުޓީއެލްގެ ދަތުރުތައް ޖުލައި މަހުގެ ތެރޭގައި ހުވަދުއަތޮޅުގައި ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހުވަދު އަތޮޅަށް ބޭނުންވާ ލޯންޗުތަކުގެ ތެރެއިން ފުރަތަމަ އިއްޔެ ވަނީ ތިލަފުށީ ބޯޓްޔާޑުން މޫދަށް ބާލައިފައެވެ.

ލޯންޗް ފެރީ ތިލަފުށީގައި ބޭލުމަށްފަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީންގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ފާރިގް ވިދާޅުވީ މި ލޯންޗް ފެރީއަކީ އާރްޓީއެލް ފޭސް 1 ގައި ބޭނުން ކުރި ފެރީތައް ފަދައިން ކޮންޑިޝަން ރަނގަޅު ފެރީތަކެއް ކަމަށެވެ. އަދި މިހާރު ބޭނުން ކުރާ ލޯންޗް ފެރީތަކަށް ވުރެ މިފެރީ ސައިޒުން ބޮޑުވެ ޖާގައިގެ ގޮތުން ތަނަވަސް ވާނެ ކަމަށް ފާރިގް ވިދާޅުވިއެވެ. ފާރިގް ވިދާޅުވީ ހުވަދުއަތޮޅުގައި މިޚިދުމަތް ފެށުމަށް އަންނަ ޖުލައި މަހާ ހަމައަށް 6 ލޯންޗު ނިންމާލެވޭނެ ކަމަށެވެ. އަދި ހުވަދު އަތޮޅަށް ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފަށާނީ ހަ ލޯންޗާއެކު ކަމަށް ފާރިގް ވިދާޅުވިއެވެ. އަދި ހުވަދު އަތޮޅާއެކު އައްޑު އާއި ފުވައްމުލައްވެސް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވޭނެ ކަމަށް ފާރިގު ވިދާޅުވިއެވެ.

އެހެން އަތޮޅުތަކުގައި އާރްޓީއެލްގެ ފެރީގެ ޚިދުމަތް ފެށިގެން ދިޔަގޮތަށް ހުވަދު އަތޮޅުގައިވެސް ފެރީގެ ޚިދުމަތް ފަށާ އެންމެ ފުރަތަމަ ދަތުރުތައް ގެންދާނީ ހިލޭ ކަމަށް ފާރިގް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ. ހދ. އަދި ށ. އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޙިދުމަތް ދޭން ފެށިފައެވެ. މީގެ އިތުރުން ޅ އަތޮޅުގައި ވެސް މި ހިދުމަތްވަނީ ދޭން ފަށާފައެވެ.

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ގައެވެ. މިޚިދުމަތް ދިނުމަށްހަމަޖެހިފައިވަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ.