English Edition
Dhivehi Edition

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ސައޫދީ އަރަބިއްޔާ އާއި މެލޭޝިއާ އަށް ދީފި އެވެ.

އަންނަ ޖޫން މަހުގެ 21 އިން ޖުލައި މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިޔަށްދާ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ސައޫދީ އަރަބިއާ އަށާއި މެލޭޝިއަށް ދީފައިވަނީ މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)ގެ ރައީސް ކާޒީ ސަލާހުއްދީން ވަނީ ސައުދީ އެފްއޭ އާއި މެލޭޝިއާ އެފްއޭ އަށް މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ދައުވަތު ދީފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އަދިވެސް އެ ދެ ގައުމުން މި މުބާރާތުގައި ބައިވެރިވުމާއި ގުލޭގޮތުން އެއްޗެކޭ ބުނެފައެއް ނުވެއެވެ.

މި އަހަރުގެ މުބާރާތުގައި ވާދަކުރާ ސާފް ގައުމުތަކަށް ބަލާއިރު، އަވަށްޓެރި ސްރީލަންކާ އޮތީ ފީފާގެ ސަސްޕެންޗަނުގައެވެ. އެހެން ކަމުން މި އަހަރުގެ މުބާރާތުގައި އެ ގައުމަށް ބައިވެރި ނުވެވޭނެއެވެ.

އެހެން ކަމުން ދެން މިފަހަރުގެ މުބާރާތުގައި ބައިވެރިވާން އޮތީ އެންމެ ހަ ގައުމެވެ. އެއީ އިންޑިއާ، ޕާކިސްތާން، ނޭޕާލް، ބޫޓާން، ބަނގުލަދޭޝް އަދި ދިވެހިރާއްޖެއެވެ.

އެންމެ ފަހުން ބޭއްވި މުބާރާތުގައި ވެސް، ބައިވެރިވީ އެންމެ ފަސް ގައުމަކުންނެވެ. އެހެންކަމުން އެ މުބާރާތުގެ ފައިނަލް ކުޅުނީ ލީގު އުސޫލުން ބުރެއް ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމުގެ މެދުގަ އެވެ.

މިވަގުތު ފީފާ ރޭންކިންގެ 49 ވަނާގައި އޮތް ސައުދީ އަރަބިއާ އަކީ އެންމެ ފަހުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައިވެސް ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ބަލ؛ިކުރި ޓީމެވެ. މީގެ އިތުރުން އޭޝިއާގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ގައުމެކެވެ.