English Edition
Dhivehi Edition

ބާސެލޯނާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށް ރެއާލް މެޑްރިޑް ސްޕެނިޝް ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ބާސާ ދަނޑުގައި ރޭ ކުޅުނު ސެމީގެ ދެވަނަ ލެގުގެ މެޗުން ރެއާލް މޮޅުވެފައިވަނީ 0-4 ގެ ނަތީޖާއިންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 0-1 އިން ބާސާ ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ރޭގެ ނަތީޖާއާއި އެކު ރެއާލް އަށް ކުރި ލިބުނީ 4-1 ގެ އެގްރިގޭޓަކުން ނެވެ.

ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މި މެޗުގައި އެޓީމުން ލީޑު ނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. ރޮބާޓް ލެވަންޑޯސްކީގެ ހަމަލާއެއް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ހުއްޓުވައި އަވަސް ކައުންޓާ އެއްގައި ބެންޒެމާގެ އެހީތެރިކަމާއި އެކު ވިނީޝިއަސް ޖޫނިއާ އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި ރެއާލްގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދިނީ ބެންޒެމާ ޖަހައިދިން ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ ލޫކާ މޮޑްރިޗް ދިން ބޯޅައަކުންނެވެ. އަދި އޭގެ އަށް މިނިޓް ފަހުން ބެންޒެމާގެ ދެވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ފްރޭންކް ކޭސީ ވިނީޝިއަސް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއެކެވެ.

ބެންޒެމާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 80 ވަނަ މިނިޓުގައި ވިނީޝިއަސް ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުގައެވެ. ފައިނަލުގައި ރެއާލް ނުކުންނާނީ އެތުލެޓިކް ބިލްބާއޯ ބަލިކޮށް ފައިނަލަށް ދިޔަ އޮސަސޫނާއާ ދެކޮޅަށެވެ.