English Edition
Dhivehi Edition

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ދޫކުރުން 06 އެޕްރިލް 2023 (މާދަމާ) ހަމައަށް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ސަޢޫދީ ސަރުކާރުން ހަދިޔާކުރައްވާފައިވާ ކަދުރުގެ ތެރެއިން އާންމު ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަދުރު މިހާރު ވަނީ ހުސްވެފައި ކަމަށެވެ.

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ބެހުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުން ނެވެ. ކަދުރު ބަލައި ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަން ވާނެ އެވެ.

ސަޢޫދީ ސަރުކާރުން މިއަހަރުވެސް ރާއްޖެއަށް ހަދިޔާ ކުރައްވާފައިވަނީ 50 ޓަނުގެ ކަދުރެވެ. ކަދުރު ބެހުމުގެ މަސައްކަތް މިދިޔަ މާރިޗް މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންގޮސްފައިވެއެވެ.

ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާފައިވަނީ، 1443 (2022) ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ.