English Edition
Dhivehi Edition

އއ.ތޮއްޑޫ، ސްމާޓް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރުމަށް އަރބަންކޯއިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އާތިފެވެ. އަދި ތޮއްޑޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމްއެވެ.

އެއްބަސްވުމުގެ ދަށުން ތޮއްޑޫ ސްމާޓް އައިލެންޑްއަކަށް ހެދުމަށް ބޭނުންވާ ކޮންސަލްޓެންސީގެ އެހީތެރިކަމާއި، އޮޕަން އެކްސެސް ނެޓްވޯކެއް ޤާއިމުކުރުމުގައި އެހީތެރިވުމަށްވަނީ ނިންމާފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން ތޮއްޑޫގެ ބަނދަރު ސަރަޙައްދާއި، ފެރީ ޓަރމިނަލް ސަރަޙައްދާއި، ކަރގޯ ވެއަރހައުސްގެ އިތުރުން ރަށުގެ އާންމު ރައްޔިތުން އަދި ފަތުރުވެރިން މޫދަށް އެރޭ ސަރަހައްދު ތަރައްޤީ ކުރުމަށް އެހީތެރިވެދިނުންވެސް ހިމެނެއެވެ.

އަރބަންކޯއިން ތޮއްޑޫގައި ސްމާޓް ސޮލިއުޝަންތައް ތަޢާރަފް ކުރުމުގެ ބޭނުމަކީ ކުދި ރަށްތަކުގައި ވެސް ޓެކްނޮލޮޖީގެ ޒަރީއާއިން ތަފާތު ސްމާޓް ޚިދުމަތްތައް ތައާރަފުކޮށް ރަށްފުށުގެ ރައްޔިތުންގެ ދިރިއުޅުންވެސް އުޖާލާ ކުރެވިދާނެކަން ސާބިތުކޮށްދިނުން ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.

މިމަޝްރޫޢަކީ އަރބަންކޯގެ، “ގޯ ބިޔޯންޑް ހުޅުމާލޭ”ގެ ދަށުން ރަށްރަށާއި ސިޓީތައް، ސްމާޓްކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މަސައްކަތެއްކަމަށް އަރބަންކޯއިން ވިދާޅުވެއެވެ.