English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބް ޗެލްސީގެ ކޯޗުކަމުން ގްރަހަމް ޕޮޓާ ވަކިކޮށްފި އެވެ.

ޗެލްސީން ޕޮޓާ ވަކިކުރީ ލީގުގައި އެ ޓީމު އެންމެ ފަހުން އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެ، ތާވަލްގެ 11 ވަނަ އަށް ވެއްޓުމުންނެވެ.

ޕޮޓާ ޗެލްސީގެ ކޯޗުކަމަަށް ގެނެސްފައިވަނީ މީގެ ހަތް މަސް ކުރިން ފަސް އަހަރުގެ އެއްބަސްވުމުގެ ދަށުންނެވެ. ނަމަވެެސް ޗެލްސީގެ މެނޭޖުމަންޓުން ބޭނުންވި ފަދަ ނަތީޖާއެއް އެ މުއްދަތުގެ ތެރޭގައި އެ ޓީމަށް ދެއްކިފައި ނުވާތީ މެނޭޖުމަންޓުން ނިންމީ ޕޮޓާ މަގާމުން ވަކިކުރާށެވެ.

ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ 31 މެޗެއް ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ އެންމެ 12 މެޗުންނެވެ. އަދި އަށް މެޗުން އެ ޓީމު އެއްވަރު ވެފައިވާއިރު 11 މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ މިހާތަނަށް 28 މެޗެއް ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. ޕޮޓާ އަކީ މި ސީޒަނުގައި ޗެލްސީން ވަކިކުރި ދެ ވަނަ ކޯޗެވެ. ޗެލްސީގެ ކޯޗަކަށް ޕޮޓާ ގެނައީ މިދިޔަ ސެޕްޓެމްބަރު މަހު ތޯމަސް ޓުޗެލް މަގާމުން ވަކިކުރުމަށް ފަހު އެވެ.

ޕޮޓާ ވަކިކުރުމަށް ފަހު ޗެލްސީގެ ވަގުތީ ކޯޗަކަށް މިހާރު ހަމަޖައްސާފައިވަނީ ބްރޫނޯ ސަލްޓާ ގްރައުއެވެ. ރިޕޯޓުތައް ބުނާގޮތުން ޗެލްސީން އެޓީމުގެ ދާއިމީ ކޯޗަކަށް ހަމަޖެއްސުމަށް އެންމެ ބޮޑަށް ބަލަނީ އެންމެ ފަހުން ބަޔާން މިޔުނިކުން ވަކިކުރި ކޯޗު ޖޫލިއަން ނަގެލްސްމަން އެވެ.