English Edition
Dhivehi Edition

ކީރިތި ޤުރުއާނަށް އެއްވެސް ބަދަލެއް، އުނިއިތުރެއް ނައިސް، މާތް ﷲ ބާއްވައިލެއްވި ގޮތަށް އަދިވެސް އަޅުގަނޑުމެންގެ އަތްމަތީގައި އެބައޮތެވެ. ނަމަވެސް، ބަދަލުވީ، އަޅުގަނޑުމެންނެވެ. ބަދަލު އައީ، ޤުރުއާނާ މެދުގައި އަޅުގަނޑުމެން ގެންގުޅެންޖެހޭ މިންގަޑާއި ސުލޫކާއި އަދަބަށެވެ.

މިގުޅުން ރަނގަޅު ކުރުމަށްޓަކައި އަންނަވި ކަންކަން ކުރެވިދާނެއެވެ.

1 – ކީރިތި ޤުރުއާނުގެ މަޤާމަކީ ކޮބައިކަން ރަނގަޅަށް ދަނެގަތުން. އެގޮތުން، އެއީ މާތް ﷲ ގެ ކަލާމްފުޅުކާމާއި އެއްވެސް އިންސިއެއްގެ އަދި ޖިންނިއެއްގެވެސް ކަލާމާ އެއްފަދަ ނުކުރެވޭނެކަން ދަތުން.

2 – ކީރިތި ޤުރުއާނުގައިވާ ހުރިހާ ޙުކުމްފުޅުތަކަކީ އެއަށް އަޅުގަނޑުމެންގެ ބޯލަނބައި، ކިޔަމަންވާންޖެހޭ ޙުކުމްފުޅުތަކެއްކަން ދަތުން. އެފޮތުގައި އިންސާނީ ޙަޔާތަށް ބޭނުންވާނެ ހުރިހާ ކަމެއް، އަޚްލާޤިއްޔާތާއި ޝަރީޢަތާއި އިޖްތިމާޢިއްޔާތާއި މުޢާމަލާތާ، ހުރިހާ ކަމެއް ޝާމިލުވެފައިވާ ކަން ދަނެގަތުން.

3 – ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނައާމެދު ވިސްނާ ފިކުރުކުރުން. ޢަރަބިއެނގޭ މީހަކުނަމަ ތަފްސީރު ކިޔުން. ޢަރަބި ނޭނގޭ މީހަކުނަމަ، ދިވެހި ތަރުޖަމާ ނުވަތަ އިނގިރޭސި ތަރުޖަމާއެއް މެދުވެރިކޮށް، އާޔަތްތަކުގެ މުރާދާ މެދު ވިސްނުން. ކީރިތި ޤުރުއާނުގެ އާޔަތްތަކާމެދު ތަދައްބުރުކުރުން. އެހެނީ، ކީރިތި ޤުރުއާނު ބާއްވައިލެއްވުނީ، އެޤުރުއާނު ތިލާވަތުކުރުމާއެކު އެޤުރުއާނުގައިވާ އާޔަތްތަކަށް ބޯލަނބައި ކިޔަމަންގަނެ، އެއާމެދު ވިސްނައިފިކުރުކޮށް ތަދައްބުރުކުރުމަށެވެ.

4 – ކީރިތި ޤުރުއާން ތަޖުވީދުމަގުން ކިޔަވަން މަސައްކަތްކުރުން. އެފަދައިން ދަސްކޮށްދޭ ކުލާސްތަކުގައި ބައިވެރިވުން. އަދި އެއަށްފަހު ޤުރުއާން ހިތުދަސްކުރުމަށް މަސައްކަތްކުރުން.

5 – ކީރިތި ޤުރުއާން ކިޔަވާއިރު، ތިމަންނާގެ މިޢަމަލު، މާތް ﷲ ބައްލަވާ ވޮޑިގެންވާކަން ދަނެހުރެ ކިޔެވުން. އިޚްލާޞްތެރި ހިތަކުން ކީރިތި ޤުރުއާނު ކިޔެވުން. އެހެނީ، ކީރިތި ޤުރުއާން ކިޔެވުމަކީވެސް އަޅުކަމެކެވެ. މުސްލިމް އަޅާ ކުރާ އަޅުކަމެއްގައި ހިމެނެންޖެހޭ އެންމެ އަސާސީ ޝަރުޠަކީ މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު އެއަޅުކަމެއްކުރުމެވެ.

6 – ކީރިތި ޤުރުއާނުގެ މާތްކަމާއި މަތިވެރި ކަމާބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައިވާ ޙަދީޘްފުޅުތައް ބަލައި ދިރާސާކުރުން.

7 – ކީރިތި ޤުރުއާނަކީ ޝިފާއެއްކަން ދަނެގަތުން. އަދި ރަޙްމަތެއްކަން ދަނެގަތުން. އެކިޔެވޭ ގެއެކަށް ރަޙްމަތުގެ މަލާއިކަތުން ކުއްތަންވާނެކަން ދަތުން. އަދި ނުބައި ނުލަފާ ޖިންނި ޝައިޠާނުން އެތަނަކުން ފިލައި ރައްކާވާނެކަން ދަތުން.

އިސްވެ ދެންނެވުނު ނުކުތާތަކަކީ، ޤުރުއާނުން އަހަރެމެންގެ ޙަޔާތް އިޙްޔާކުރެވިދާނެ ގޮތްތައް ބަޔާންކޮށް ހިމަނާލެވިފައިވާ ނުކުތާތަކެވެ. މީގެ އިތުރުންވެސް ކުރެވިދާނެ ބައިވަރު ކަންކަން ހުންނާނެއެވެ.

އަޅުގަނޑުމެންގެ ހިތްތަކަކީ ޤުރުއާނުން އިޙްޔާވެ ތަޒާވެގެންދާ ހިތްތަކެއްކަމުގައި ލެއްވުމަށް ގަދަ ކީރިތިވަންތަ ﷲ ގެ ޙަޟްރަތަށް ދުޢާދަންނަވާ ޙާލު މިލިޔުން ނިންމާލަމެވެ. އާމީން!

 

ނޯޓް: މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޝަފީޢުޑޮޓްއިންފޯއިންނެވެ.