English Edition
Dhivehi Edition

އިންސާނާއަށް ފެންނަ ގޮތުގައި ހުރިހާވެސް އެއްޗަކީ ދުނިޔެކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ 5 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ނެވެ.

”އައީ ކޮންތާކުން؟ ދާނީ ކޮންތާކަށް؟” މި މައުޟޫޢަށް ބުރާސްފަތި ދުވަހުގެރޭ އޮތް ފޯރަމްގައި ތަޤްރީރުކުރެއްވީ ހޯމް މިނިސްޓަރގެ އިތުރުން އައްޝައިޚް ޢަބްދުﷲ ރަޝީދެވެ.

މި ތަޤްރީރު ފައްޓަވާފައިވަނީ އެހެންރޭތަކާ ޚިލާފަށް ފޯރަމްގައި ބައިވެރިންވެސް ބައިވެރިކޮށްގެން ވަރަށް ޝައުގުވެރިގޮތަކަށެވެ.

އެގޮތުން މިނިސްޓަރ އިމްރާން ވަނީ ފޯރަމްގައި ތިއްބެވި ބޭފުޅުން ލޯމެރުއްވުމަށް އެދިވަޑައިގެންނެވުމަށްފަހު އިންސާނާ ދުނިޔެއަށް އުފަންވުމަށް ކުރާ ދަތުރުން ފެށިގެން އުފަންވުމާއި، އުފަންވުމަށްފަހު މަރުވުމާ ހަމައަށް އިންސާނާގެ އުމުރުގެ އެކި ހިސާބުތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވައި މަރާއި، މަރުވުމަށްފަހު ދެން އިންސާނާގެ އެ ޙަޔާތް ފެށިގެންދާގޮތާއި ސުވަރުގެ ނޫނީ ނަރަކައަށް އިންސާނާ ދިއުމާހަމައަށް ތަސައްވުރުކުރެވެނޭހެން އަލިއަޅުއްވާ ލައްވާފަ އެވެ.

ވަރަށް މަދު މިނެޓްކޮޅެއްގެތެރޭގައި އިންސާނާގެ މުޅި ހަޔާތް ތަސައްވުރުކޮށްދެއްވުމަށްފަހު މިނިސްޓަރ އިމްރާން ވިދާޅުވީ މިއީ އަޅުގަނޑުމެންގެ އުމުރުގެ ކުރުކަން ހާމަކޮށްދޭ ކަމެއްކަމަށާއި އުމުރަކީ ވަރަށް ކުރު ދަތުރެއް ކަމަށެވެ.

އެހެންނަމަވެސް އިންސާނާއަށް ފެންނަނީ ދުނިޔެއަކީ ހުރިހާވެސް އެއްޗެއްގެ ގޮތުގައި ކަމަށާއި މާތްﷲ އަޅުގަނޑުމެންނަަށް ދެއްވާފައިވާ މި ޙަޔާތުގައި އުޅެމުންދަނީ ޙަޔާތުގެ އަސްލު ހަނދާން ނައްތާލާފައި ކަމަށެވެ

މި ފޯރަމްގައި ތަޤްރީރުކުރައްވަމުން އައްޝައިޚް ޢަބްދުﷲ ރަޝީދު ވެސް ވަނީ އިންސާނާ އުފެދިގެން އައި ހިސާބުން ފެށިގެން މަރުވުމަށްފަހު ކަންތައް ވާގޮތަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.

އެގޮތުން މަރާގުޅޭ ގޮތުން ވިދާޅުވީ ކަށްވަޅުގެ އިމްތިހާނަކީ ބޮޑުވެގެންވާ އިމްތިހާނެއް ކަމަށެވެ.

އިންސާނުން ކުރާ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތައް ލިއުއްވިގެންވާ ފަތް އެމީހެއްގެ އަތަށް ލިބިގެންދާހިނދު ކަންތައް ވެގެންދާގޮތަށް ވެސް ޝައިޚް ވަނީ ބައްލަވާ ލައްވާފަ އެވެ. ކޮންމެ ނަފްސެއްވެސް ކުޅަ އަމަލެއްގެ ޖަޒާ އެ ނަފްސަކަށް ލިބޭނެ ކަމަށް ޝައިޚް ވިދާޅުވި އެވެ.