English Edition
Dhivehi Edition

ދެންފަހެ ރޯދަ ގެއްލޭ ކަންކަމުގެ ތެރޭގައި ހަށިގަނޑަށް އެއްޗެއް ވާސިލުވާންހުރި ދޮރުތަކުގެ ތެރެއިން ދޮރަކުން އެއްޗެއް މީހާގެ އެތެރެހައްޓަށް ވާސިލުވެއްޖެނަމަ ރޯދަގެއްލިދާހުއްޓެވެ. އަދި ހަމަ އެހެންމެ ދެދޮރުންކުރެ ދޮރަކުން ބޭހެއްކުޅަގޮތަކުން އެތެރެހައްޓަށް އެއްޗެއް ވާސިލުވުމާއި، ނުވަތަ އެކުން ފުރައި އަނގަޔަށް ނުވަތަ ނޭފަތަށް ފެންލުމުން އެތެރެހައްޓަށް ވާޞިލުވެއްޖެނަމަ ރޯދަގެއްލިދާހުއްޓެވެ.
ފަހެ ފުރައިހަމަކޮށް އަނގަޔަށް ނުވަތަ ނޭފަތަށް ފެންލުމަކާނުލައި މިދެކަމަކުންކުރެ ކަމަކުން ފެންފޮދެއް ވާޞިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ.

އަދި ހަމަ އެހެންމެ އެއްޗަކުން ވަސްބެލުމުންނާއި، ވަހެއްގެ އަސަރު ބޮލުގެތެރެއަށް ވަނަސް ރޯދަނުގެއްލޭނެއެވެ. އަދި ހަމައެހެންމެ އެއްޗަކުން ރަހަބަލަން އުޅުމުގެތެރޭގައި އެއިގެ ރަހަ ކަރުތެރެއަށް ވާސިލުވިޔަސް، އަދި ލޮނުން ކޯދޮންނައިރު އޭގެ ރަހަ ކަރުތެރެއަށް ދިޔަޔަސް، ނުވަތަ ހުޅުވިގެންވާ ދޮރެއްނޫން ތަނަކުން ވާޞިލުވި އެއްޗަކުން ރޯދަ ނުމެގެއްލޭނެއެވެ. މިސާލަކަށް ލޮލުގަ އަޅާ އަދުނުގެ އަސަރު ކަރުތެރެއަށް ފޭބިޔަސް ނުވަތަ އިސްތަށީގައިލާ ތެލުގެ އަސަރު އިސްތަށިބުޑުން ހަށިގަނޑަށް ވާސިލުވިޔަސް ރޯދަ ނުގެއްލޭނެއެވެ.

ދަންނާށެވެ! އެދުންވެރިކަމާއެކު ބީހުމުން މަނި ފައިބައިފިނަމަ ރޯދަގެއްލިދާހުއްޓެވެ. ނަމަވެސް ފިކުރުކުރުމުން، ނުވަތަ ލަދުވެތިތަނެއް ބަލައިގެން، ނުވަތަ ނިދީގައި މަނިބޭރުވިޔަސް އެމީހެއްގެ ރޯދަނުގެއްލޭނެއެވެ. އަދި ހަމަ އެހެންމެ އެމީހާގެ ރުހުމަކާނުލައި ގަދަކަމުން އަނގަޔަށް އެއްޗެއް އަޅައި ކައްވައިފިނަމަވެސް، ރޯދަނުގެއްލޭހުއްޓެވެ. އަދި ހަމަ އެހެންމެ ހަނދާންނެތިވެގެން ކެއުމާއި، އަދި ހަނދާންނެތިވެގެން އަނބިމީހާއެކު އެއްދާންކުރިއަސްވެސް ރޯދަ ނުގެއްލޭނެއެވެ.

ދެންފަހެ ފަޖުރު ނުލާހެން ހީވަންޏާ ކެއުން ހެޔޮވާނެއެވެ. އަދި އިމާމު ނަވަވީ ވިދާޅުވެފައިވާ ގަދަބަހުގެ މައްޗަށް ،ފަޖުރުލުމާމެދު ޝައްކުވިޔަސް ކެއުން ހެޔޮވާހުއްޓެވެ. އެހެނީ އަސްލަކީ ރޭގަނޑު ވުމެވެ. ދެންފަހެ ފަޖުރުލުމާއިމެދު، ނުވަތަ އިރު އޮއްސުމާމެދު އިޖުތިހާދުކޮށް ކެއިނަމަ މިބަހީ ތިމާގެ ފިކުރުން ފަޖުރުނުލައޭހިތައި، ނުވަތަ އިރު އޮއްސިއްޖޭ ހިތައި ކައިފުމަށްފަހު އެމީހާގެ އިޖުތިހާދު ކުށްކަން އެމީހާ އަށް ފަހުން ބަޔާންވެއްޖެނަމަ އެމީހާގެ ރޯދަ ބާޠިލު ވެދާހުއްޓެވެ.

ފަހެ އެމިހާ ކާއެއްޗެހި އަނގައިގައި ވަނިކޮށް ފަޖުރުލައިފިނަމަ ،އެޙާލުގައި އެ އެއްލައިލަފިނަމަ އެމީހާގެ ރޯދަ ޞައްޙަވާނެއެވެ. އެކެއުމުން އެތިކޮޅެއްވިޔަސް ދިރުވައިލައިފިނަމަ އެމީހާގެ ރޯދަ ޞައްޙަނުވާހުއްޓެވެ. އަދި އެމީހާ އަށް އެގުމަކާއިނުލައި އެއިން އެތިކޮޅެއް ކަރުތެރެއަށް ދިޔަސް ރޯދަ ނުގެއްލޭނެ ކަމަށް ޝާފިޢީ މަޒުހަބުގެ މުޖުތަހިދު ދަންނަބޭކަލެއްކަމުގައިވާ ނަވަވީ އިމާމު ރައުޟާގައި ބަޔާންކުރައްވާފައިވެއެވެ.

ފަހެ އަނބިމީހާއާ އެކު ޖިމާޢުވާން އޮއްވާ ފަޖުރުލައިފިނަމަ އަދި އެޙާލުގައި ލުހެލައިފިނަމަ މަނިފޭބިޔަސް ރޯދަ ޞައްޙަވާހުއްޓެވެ. ފަޖުރުލައިފިކަން ނުދެނެހުރެ ލަސްވެއޮތަސް އެނގުނު ހިނދު ނިގުޅައިލައިފިޔަސް ރޯދަ ބާޠިލުވެދާހުއްޓެވެ.

 

ނޯޓް: މި ލިޔުމުގައި ހިމެނޭ މަޢުލޫމާތު ނަގާފައިވަނީ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޯދައާއި ގުޅޭގޮތުން ލިޔުއްވާފައިވާ ލިޔުމަކުންނެވެ.