English Edition
Dhivehi Edition
އައްޑޫ ސިޓީ ހަންކެޑެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ނާޖިހު (ޓްވިޓާ)

އައްޑޫ ސިޓީ ހަންކެޑެ ތަރައްގީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއީ އެ ސިޓީގައި ޓޫރިޒަމަށް ތަރައްގީކުރަން އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ސަރަހައްދެކެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް، ހަންކެޑެއާ ހަވާލުވެފައިވަނީ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ނެވެ.

އެމްއެފްއެމްސީ އިން މި މަސައްކަތް މިއަދު ހަވާލުކުރީ ޗައިނާގެ ކުންފުންޏަކާ އެވެ.

އެމްއެފްއެމްސީން ބުނީ ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތުގެ އީޕީސީ ކޮންޓްރެކްޓް (އިންޖިނިއަރިން، ޕްރޮކިއުމެންޓް އެންޓް ކޮންސްޓްރަކްޝަން ކޮންޓްރެކްޓް) ގައި ޗައިނާގެ ނެޝަނަކް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީސީ) އާ އެކު އެކުންފުނިން މިއަދު ސޮއިކޮށްފައި ވާ ކަމަށެވެ.

އެހެންނަމަވެސް އެކުންފުންޏާ މަސައްކަތް ހަވާލުކުރި އަގެއް އަދިހާމައެއް ނުކުރެއެވެ. އަދި މަސައްކަތް ނިންމަންޖެހޭ މުއްދަތެއް ވެސް ހާމައެއް ނުކުރެއެވެ.

އެ ކުންފުނިން ބުނީ ހަންކެޑެ ތަރައްގީކުރަން ފެށުމަކީ އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމުގެ ބިންގާ އެޅުން ކަމަށާއި އެއީ ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ގެންދާނެ ކަމެއް ކަމަށެވެ.

ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލިޖިން އާއި ޗައިނާއާއި ރާއްޖޭގެ އެހެން ބައެއް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑޫގައި ޓޫރިޒަމް ކުރިއެރުވުމަށް ޓަކައި ހަންކެޑެ ތަރައްގީ ކުރުމަކީ އެކި ސަރުކާރުތަކުން ކުރިއަށް ގެންދަން އުޅުނު ނަމަވެސް ކުރިއަށް ނުގޮސް އޮތް މަސައްކަތެކެވެ. ޓޫރިޒަމް ޒޯނެއްގެ ގޮތުގައި އެ ސަަރަހައްދު ތަރައްގީކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.