English Edition
Dhivehi Edition

ލޮލަށް އަޅާ 4 ބޭހަކާއި މެދު ސަމާލުވުމަށް މޯލްޑިވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން އެދިއްޖެއެވެ.

އެމް.އެފް.ޑީ.އޭއިން މިއަދު ނެރުނު ބަޔާނެއްގައި ސަމާލުވުމަށް އެންގީ އެމެރިކާގެ ކުންފުނިތަކަކުން އުފައްދާ އާޓިފިޝިއަލް ޓިއާސް، އެމްއެމް ޑްރޮޕްސް، ބްރައިމޮނިޑައިން ޓަރޓްރޭޓް އަދި އާޓިފިޝިއަލް އައި އޮއިންޓްމެންޓް ކިޔާ ބޭހަކަށެވެ.

މި ބޭސްތައް ޔުނައިޓެޑް ސްޓޭޓް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (ޔޫއެސް އެފް.ޑީ.އޭ)އިން ވެސް ވަނީ އެލާރޓްކޮށް ރީކޯލް ކޮށްފައެވެ.

އެމް.އެފް.ޑީ.އޭ އިން ނެރުނު ބަޔާނެއްގައި ވަނީ ލޮލަށް އެޅުމަށް ބޭނުންކުރާ މި ބޭސްތަކަކީ އިމްޕޯރޓް ކުރުމާއި، ވިއްކުމުގައި ހުއްދަކުރާ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމުގައެވެ. އެހެންކަމުން ބޭސް ސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން މި ބޭސް އިމްޕޯރޓް ކޮށްފައި ހުރެދާނެތީ މިކަމަށް ސަމާލުވުމަށް އެމް.އެފް.ޑީ.އޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމް.އެފް.ޑީ.އޭ އިން ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޙާއްސަ ސަމާލުކަމެއް ދީގެން ޕޯރޓްތަކުގައި ބަލާ ފާސްކުރަމުން ގެންދާނެ ކަމަށެވެ.