English Edition
Dhivehi Edition

ޅ.ނައިފަރުގައި 2022 ވަނަ އަހަރު ނިންމައި މީހުން ދިރިއުޅެންފެށި 100 ހައުސިން ޔުނިޓަށް އެކަށީގެންވާ ގޮތަށް ފެން ފޯރުކޮށްދެވިފައި ނުވުމަކީ މި ސަރުކާރުގެ އިހުމާލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު، އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނައިފަރުގެ ފެނާ ނަރުދަމާގައި ހުރި މައްސަލަތަކާ ބެހޭގޮތުން ނައިފަރު ދާއިރާގެ މެންބަރު މަޖިލީހަށް ހުށަހަޅުއްވާފައިވާ ޤަރާރަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެތަން ޑިޒައިން ކުރެވިފައިވާ ގޮތުން އެމީހުންނަށް ކޮންމެހެންވެސް ސަޕްލައިފެނުގެ ޚިދުމަތް ލިބެންޖެހޭ ކަމަށެވެ. ނަމަވެސް އެމީހުން މިއަދު ބޭނުންކުރަން ޖެހިފައިވަނީ ބިމުން ނަގާ “ހަޑިފެން” ކަމުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހައުސިން ޔުނިޓް ސަރަޙައްދުގެ ބިމުން ނަގާ ފެން ހުންނަނީ ވަރަށް ބޮޑަށް ތަޣައްޔަރުވެ ބޭނުންކުރަން އެކަށީގެން ނުވާ މިންވަރުގައެވެ. ނަމަވެސް، ސަޕްލައިފެން ނުލިބުމުން އެތަނުގައި ދިރިއުޅޭ މީހުންނަށް އެނޫން އިތުރު ގޮތެއް ނޯވެއެވެ.

މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައަކީ މިއަދު ދެ ސަރުކާރެއްގެ ދެމެދު ތާށިކޮށްގެން އުޅޭ މައްސަލައެކެވެ. އަދި މިއަދު ޕްލޭނިން މިނިސްޓްރީ އާ އެމްޑަބްލިއު އެސްސީ އަދި ފެނަކައިން ދަނީ އެއްބަޔަކު އަނެއްބަޔެއްގެ ބޮލުގައި މި މައްސަލަ އަޅުވަމުންނެވެ.

ނާޒިމް ގޮވާލެއްވީ އެގޮތަށް އެކަންކަން ނުކޮށް ސަރުކާރުން މި މައްސަލަ އަވަހަށް ޙައްލުކޮށްދެއްވުމަށެވެ.

ނާޒިމް ވިދާޅުވީ ނައިފަރުގައި ބެހެއްޓިފައިވާ ފެން ޕްލާންޓް ތަކަކީ އެރަށުގެ ބޮޑު އާބާދީއާ އެކަށޭނަ މިންވަރަށްވުރެ ކެޕޭސިޓީ ދަށް ޕްލާންޓް ތަކެކެވެ. އަދި ފެނުގެ ނިޒާމްގެ ބައެއް ކަންކަން ފުރިހަމަވެސްނުވެ ހުރިކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، ފެނުން ވަހާއި ރަހަ ކަނޑުވާލާ ނިޒާމް އިންސްޓޯލްކޮށްފައި ނެތުމާ، ކިސަޑާ ވެލި ވަކިކޮށް ފެން ސާފުކުރަން ހުންނަ ނިޒާމްގެ ބައެއް ބައިތައް ނެތުމުން ޕްލާންޓުގެ ބައެއް ބައިތައް އަވަހަށް ބެދި ހަލާކުވާ މައްސަލައަށް އިޝާރާތްކުރެއްވިއެވެ.

ނައިފަރުގެ ނަރުދަމާ ނިޒާމްގައިވެސް ގިނަ މައްސަލަތަކެއް ހުރިކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި ވިދާޅުވީ ހޮޅި ލައިންތައް އަޅާފައިވާއިރު އެ ހޮޅިތައް ފުރިހަމައަށް ނާޅައި ހުރުމުން، އެކަން ފުރިހަމަނުވެ އަލުން އެމަސައްކަތް ފުރިހަމަ ކުރަންޖެހިފައިވާކަމުގައި ވިދާޅުވިއެވެ.

“އަޅުގަނޑު ސަރުކާރަށާ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ވީހާވެސް އަވަހަކަށް މިކަންކަން ޙައްލުކޮށް ނައިފަރު ރައްޔިތުންނަށް ޙައްޤުވާ މިންވަރު ހޯދައިދިނުމަށް”، ނާޒިމް ވިދާޅުވިއެވެ.

ނައިފަރުގެ ފެނާ ނަރުދަމާގެ މައްސަލައިގައި ނައިފަރު ދާއިރާގެ މެންބަރު މަޖްލިހަށް ޤަރާރު ހުށަހަޅުއްވާފައިވަނީ ފެން ޕްލާންޓްތަކުގެ މައްސަލަ ޖެހި ރައްޔިތުންނަށް ފެނުގެ ޚިދުމަތް ނުލިބި، އެ މައްސަލަ ޙައްލުނުވެގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އިޙުތިޖާޖު ކުރަން ފަށާފައިވަނިކޮށް ކަމުގައި ފާހަގަކޮށްލެވެއެވެ.