English Edition
Dhivehi Edition

މިއަދުގެ މައިންބަފައިން، ކީރިތި ރަސޫލާ ދަރިންނާ މުޢާމަލާތުކުރެއްވި ގޮތް ދަސްކޮށް އެގޮތަށް ދަރިންނާމެދު އަމަލުކުރަން ޖެހޭކަމަށް އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރުގައި ބޭއްވި އިޙްޔާ ފޯރަމްގައި “ލޮބުވެތި ނަބިއްޔާ ކުޑަކުދިންނާއެކު” މި މައުޟޫޢަށް ތަޤްރީރުކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި އައްޝައިޚް މުޙައްމަދު މޫސާ އެވެ.

އައްޝައިޚް މުޙައްމަދު މޫސާ ވިދާޅުވީ މިއަދު މި މުޖުތަމަޢުއިން ގެއްލިފައިވަނީ ރަސޫލާ އޭރުގެ ކުޑަކުދިންނަށް ދެއްވާފައިވާ ރިވެތި އަޚްލާޤާއި ސުލޫކާއި އެކަލޭގެފާނު މުޢާމަލާތުކުރެއްވި ގޮތް ކަމަށެވެ.

މިއީ މިފަދަ ދުވަހެއް ދިމާވެދާނެތީ އެކަމަކަށް ރަސޫލާ އަމުރުކުރެއްވިކަންތައް ކަމަށާއި މިއަދު މި މުޖުތަމަޢުއިން ފެންނަ ނޭދެވޭ ކަންކަމަކީ އަޅުގަނޑުމެން، ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަންތައްތަކަށް އިޙްމާލްވުމުން ދިމާވެފައިވާ ހިތާމަވެރި ކަންކަން ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންކަމުން މިއަދުގެ މައިންބަފައިން ރަސޫލާ ކުޑަކުދިންނާއި މުޢާމަލާތުކުރެއްވި ގޮތް ދިރާސާކޮށް އެގޮތްތައް ދަސްކޮށް އެގޮތަށް ޢަމަލުކުރަންޖެހޭކަމަށް ވިދާޅުވި އެވެ.

މި ފޯރަމްގައި އަލްއުސްތާޛް މުޙައްމަދު އަނީލްވަނީ ރަސޫލާގެ ޙަޔާތްޕުޅުގައި ދިމާވި އެކިއެކި ޙާދިސާތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފަ އެވެ.

އެގޮތުން ރަސޫލާގެ ޒަމާނުގައި ކުޑަކުދިން އެކަލޭގެފާނުދެކެ އިންތިހާއަށް ލޯބިވާ ކަމަށާއި އެއީ އެކަލޭގެފާނު ކުޑަކުދިންނާ މުޚާތަބްކުރެއްވި ރިވެތި އުސޫލުތަކާއި ބެހެއްޓެވި އޯގާތެރިކަމުންކަމަށް ވިދާޅުވި އެވެ. އަދި ކުޑަކުދިންނާ ރިވެތިގޮތުގައި މުޢާމަލާތުކުރެއްވުމަށް ރަސޫލާ އަންގަވާފައިވާކަމަށް ވިދާޅުވި އެވެ.

ރަސޫލާގެ ހަދީޘްތަކަށް ބައްލަވާލައްވަމުން އަނީލް ވިދާޅުވީ ބޮޑެތިމީހުންނަށް އިޙްތިރާމް އަދާނުކުރާ އަދި ކުޑަކުދިންނަށް އޯގާތެރިނުވާ މީހަކީ މުސްލިމުންގެތެރެއިންވާ މީހެއް ނޫން ކަމަށެވެ.

މި ފޯރަމްގައި ދެ ބޭފުޅުންވެސް ވަނީ ރަސޫލާގެ ޙަޔާތްޕުޅުން މުހިންމު މިސާލުތައް ނަންގަވައި، ކުޑަކުދިންނާ މުޚާތަބްކުރެއްވި ގޮތާއި، ކުޑަކުދިން ތަރުބިއްޔަތުކުރެއްވުމަށް ރަސޫލާ ދެއްވާފައިވާ އިރުޝާދުތަކާއި ބޮޑެތިމީހުން ކުޑަކުދިންނަށް އޯގާތެރިވާންވީގޮތާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅާއި މިކަންކަމަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފަ އެވެ.

އަތޮޅުތެރޭގައި ކުރިއަށް ގެންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ޅ. ނައިފަރުގެ އިޙްޔާ ފޯރަމަށްފަހު ދެން އެންމެ އަވަހަށް އޮންނާނީ 31 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީގައި ބާއްވާ އިހްޔާ ފޯރަމެވެ.