English Edition
Dhivehi Edition
ސިނަމާލެ ބްރިޖް/ފޮޓޯ ގޫގުލް

ސިނަމާލޭ ބްރިޖު ކައިރީގައި ހިނގި އެކްސިޑެންޓެއް ގައި މީހަކަށް އަނިޔާވެ އޭޑީކޭގައި ފަރުވާދޭން ފަށައިފިއެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ ރޭ ދަންވަރު 2.30 އެހާކަށް ހާއިރު ބުރިޖު ލައިޓްގެ މާލެ އާއި ވީކޮޅުން ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މިއެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ދުއްވަން އިން 26 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ސިނަމާލެ ބުރިޖުގެ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދަތުރުކުރާ ވެހިކަލްތަކުން ޖެހި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައި ވެއެވެ. މިދިޔަ ޑިސެމްބަރ މަހު ވެސް ބުރިޖުގެ ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލްގައި އިން މީހަކު ނިޔާވެފައި ވެއެވެ.

އިއްޔެ ވަނީ އައްޑޫސިޓީގައިވެސް މަގުމަތީގެ 2 އެކްސިޑެންޓެއް ހިނގައި އެކަކުގެ ޙާލު ސީރިއަސްވެގެން ފަރުވާދޭން ފަށާފައެވެ. ރޯދަމަހަކީ އެހެން މަސްމަހާ ޚިލާފަށް މަގުމަތީގެ ޓްރެފިކް ބާރު ބޮޑު ދުވަސްވަރަކަށް ވެފައި އެކްސިޑެންޓް ހިނގުން ވެސް މިދުވަސްވަރު ގިނަކަން ފާހަގަ ކުރެވެއެވެ. މިފަދައިން ދިމާވާ ހިތާމަވެރި ޙާދިސާތައް ކުޑަ ކުރުމުގައި މަގުމަތީގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއެކު ދުއްވާ މީހުންނާއި ހިނގާމީހުންވެސް އިތުރަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.