English Edition
Dhivehi Edition

2024 ވަނަ އަހަރު އޮންނަ ޔޫރަޕިއަން ޗެމްޕިއަންޝިޕް (ޔޫރޯ) ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ކުޅެވޭ ކޮލިފައިން މެޗުތަކުގެ ތެރެއިން ޕޯޗުގަލް އަދި ލަގްޒެމްބާގް ބައްދަލުކުރި މެޗު ފަސޭހަ ކަމާއި އެކު ޕޯޗުގަލް އިން ކާމިޔާބު ކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗުން ޕޯޗުގަލް އިން ކާމިޔާބު ކުރީ 0-6 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޕޯޗުގަލް އިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މުޅި މެޗު ކޮންޓްރޯލް ކޮންގެން ޕޯޗުގަލް އިން ކުޅުނުއިރު، ޕޯޗުގަލް އިން މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ މެޗުގެ ނުވަވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ރޮނާލްޑޯ މި ލަނޑު ޖެހީ ނޫނޯ މެންޑޭސް ދިން ޕާހަކުން ގޯލުގެ އަރިމަތީ ކަނަށް ފޮނުވާލައިގެންނެވެ.

ޕޯޗުގަލްގެ ދެވަނަ ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި ޖަހައިިދިނީ ޔާއޯ ފީލިކްސްއެވެ. އޭނާ މި ލަނޑު ޖެހީ ބަނާޑޯ ސިލްވާ ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅައެއް ހުސްކޮށް ހުރެ ބޮލުން ގޯލުގެތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ތިން މިނެޓުފަހުން ބަނާޑޯ ސިލްވާ ޕޯޗުގަލްގެ ތިންވަނަ ލަނޑު ޖަހައިދިންއިރު، ޕޯޗުގަލްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ މި ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭސް ދިން ޕާހަކުން ގޯލުގެ އަރިމަތީ ތިރީ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ހަތަރު ލަނޑުގެ ލީޑަކާއި އެކު ޕޯޗުގަލް އިން މެޗުގެ ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފަށް ކުޅެން ނިކުމެ ޕޯޗުގަލްގެ ފަސްވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ޖަހައިދިނީ މި ހާފުގައި ބަދަލަކަށް ކުޅެން އެރި އޮޓާވިއޯއެވެ. ޕޯޗުގަލްގެ ހަވަނަ ލަނޑު ކާމިޔާބު ކުރަން ޕެނަލްޓީއެއް ވެސް ލިބުނު އިރު، ރަފެއަލް ލިއާއޯ ވަނީ ޕެނަލްޓީ ނާކާމިޔާބު ކޮށްލާފައެވެ. އޭގެ ފަހުން މެޗުގެ ހަވަނަ ލަނޑު ލެއާއޯ ޖެހީ މެޗުގެ 89 ވަނަ މިނެޓުގައި ރުބެން ނެވޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މިރޭގެ މި މޮޅާއި އެކު ކޮލިފައިން ގުރޫޕް އެޗްގެ އެއްވަނާގައި ޕޯޗުގަލް އޮތީ ކުޅުނު ދެމެޗުންވެސް މޮޅުވެ 6 ޕޮއިންޓާއި އެކުގައެވެ. މި ގުރޫޕުގެ ދެވަނަގާގައި އޮތީ ކުޅުނު ދެމެޗުން ހަތަރު ޕޮއިންޓާއި އެކު ސްލޮވޭކިއާއެވެ. ތިންވަނާގައި އޮތީ ދެމެޗުން ތިން ޕޮއިންޓު ލިބުނު ބޮސްނިއާއެވެ.