English Edition
Dhivehi Edition

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ފަހުގެ ތާރީޚުގައި ދުނިޔެ ދުއް އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށާއި ރަނގަޅު ވިސްނުމެއް ގެންގުޅޭ ފުޓްބޯޅަ ކޯޗަކު އެފަދަ މޮޅު އަދި ތަޖުރިބާކާރު ކުޅުންތެރިޔަކު ބެންޗުގައި ބައިންދައިގެން މެޗެއް ނުކުޅޭނެ ކަމަށް ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމާއި އަލަށް ހަވާލުވި ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

މާޓިނޭޒް ބުނީ ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕުގައި މޮރޮކޯ އާއި ދެކޮޅަށް ކުޅެ ޕޯޗުގަލް ބަލިވި މެޗުގައި ރޮނާލްޑޯ ބެންޗުގައި ބައިންދައިގެން މެޗު ފެށުމަކީ ކޯޗު ކުރި ވަރަށް ގޯސް ކަމެއް ކަމަށާއި އެ މެޗުގައި ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމަގައިގެން ޓީމު ލައްވާ ކުޅުވިނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

އަދި ވޯލްޑް ކަޕުގެ ގިނަ މެޗުތަކުގައި ރޮނާލްޑޯ ފެނުނީ ބެންޗުން ފެށިތަން ކަމުގައާއި އެއީ ވަރަށް ހިތާމަކުރަން ޖެހުނު ކަމެއް ކަމަށެވެ. އަދި ރަނގަޅު ރޭވުންތެރި ކޯޗަކު ކުރާނޭ ކަމެއް ނޫންކަމުގައި ވެސް މާޓިނޭޒް ވަނީ ބުނެފައެވެ. އޭނާ ބުނީ ޕޯޗުގަލް މިހާތަނަށް ހޯދާފައިވާ ގިނަ ބޮޑެތި ކާމިޔާބީ ތަކަކީ ރޮނާލްޑޯގެ ބުރަ މަސައްކަތުން ހޯދާފައިވާ ކާމިޔާބީތަކެއް ކަމަށާއި އެއީ ދުނިޔޭގެ އެންމެންވެސް ގަބޫލު ކުރާނެ ހަޤީޤަތެއް ކަމަށެވެ.

ރޮނާލްޑޯ އަށް ވޯލްޑްކަޕް ފަދަ މުބާރާތެއްގައި ކުޅޭ ޕްރެޝަރު މެޗުތަކެއްގައި ބެންޗުގައި އިންނަން ޖެހުމަކީ ހިތްދަތިވާނޭ ކަމެއް ކަމަށާއި އެކަން އިޙުސާސް ކުރެވޭނީ ރަނގަޅު ވިސްނުމުގެ ކޯޗުންނަށް ކަމަށް މާޓިނޭޒް ބުންޏެވެ. އަދި ރޮނާލްޑޯ ބެންޗުގައި ބަހައްޓައިގެން ވޯލްޑް ކަޕް މެޗުތައް ކުޅެ މުބާރާތުން ޕޯޗުގަލް ކެޓުމުގެ ޒިންމާ ނަގަން ޖެހޭނީ ޓީމު ރޭވުމުގައި އިސްކޮށް ހުރި ކޯޗުކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެއީ ރޮނާލްޑޯއަށް ވަރަށް ބޮޑަށް އިޚުތިރާމު ކުޑަކުރުންކަމަށް ވެސް ބެލެވޭ ކަމަށް މާޓިނޭޒް ބުންޏެވެ.