English Edition
Dhivehi Edition

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ، ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި އެވެ.

2023 މާރިޗް 26 ވަނަ ދުވަހު، ރަންތާޖު ޤުރުއާން މުބާރާތުގެ 20 ބައިވެރިންނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.

މި ބައިވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވީ މި ބައްދަލުވުމުގެ އެންމެ މުހިންމު ބޭނުމަކީ އެ ބައިވެރިން މުބާރާތަށް ކުރައްވަމުންދާ މަސައްކަތް ބައްލަވައި، ބައިވެރިންނަށް ހިތްވަރުދެއްވައި ޝުކުރު އަދާކުރެއްވުން ކަމުގަ އެވެ.

ވަރަށް ގިނަ ބައިވެރިންގެ ތެރެއިން ގަދަ 20 ބައިވެރިންގެތެރޭގައި ހިމެނުމަކީ ވަރަށްބޮޑު ކާމިޔާބީއެއް ކަމަށާއި މުބާރާތުން ވަކިވާން ޖެހުނަސް ހިތްވަރު އެލުވާނުލައި ކުރިއަށް ދިޔުމަށް މުބާރާތުގެ ބައިވެރިންނަށް މިނިސްޓަރ ވަނީ ނަސޭހަތްދެއްވާފަ އެވެ. އަދި މުބާރާތެއްގައި 1 ވަނައަށް ހޮވޭނީ ކޮންމެވެސް އެއް ބައިވެރިއެއް ކަމަށާއި އެހެންނަމަވެސް މި މުބާރާތުގެ ގަދަ 20ގައި ހިމެނުމަކީވެސް ވަނައެއްކަމަށް ދެކެން މިނިސްޓަރ އެދިވަޑައިގެންނެވި އެވެ.

މުބާރާތުގެ ކޮންމެ ބައިވެރިއަކުވެސް ރަނގަޅުވަނައެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމަށާއި ވަނަ ހޯދުމަށްޓަކައި އެކުއްޖަކަށް ކުރެވޭނެ އެންމެ ރަނގަޅަކަށް މަސައްކަތް ކުރުމަށް މިނިސްޓަރ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ. އަދި މުބާރާތް ނިމުނަސް، ނުވަތަ މުބާރާތުން ވަކިވާންޖެހުނަސް ކޮންމެ ބައިވެރިއަކަށްވެސް މިނިސްޓްރީގެ ފުރުސަތު ހުޅުވިފައިހުރިކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އެގޮތުން ކީރިތިޤުރުއާނާބެހޭ ޤައުމީ މަރުކަޒަށް ޤުރުއާން ކިޔަވައިދޭ ފަރާތްތައް ބޭނުންވާކަން ފާހަގަކުރައްވަމުން ރަށުގައި ތިއްބަވައިގެންވެސް މި ފުރުސަތުގެބޭނުން ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓްރީން ވަނީ މި ބައިވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދިޔާއެއްގެ ގޮތުގައި ”ފިޤްހުއްސުންނާ” ފޮތް ކޮންމެ ބައިވެރިއަކަށް ހަދިޔާ ކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި ރާއްޖެޓީވީގެ އިސްބޭފުޅުން ބައިވެރިވެޑައިގެންނެވި އެވެ.

ރަންތާޖު ޤުރުއާން މުބާރާތަކީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ރާއްޖެޓީވީ ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.