English Edition
Dhivehi Edition

ފުޓްބޯޅައިގައި މިހާރު ޕެނަލްޓީ ޖަހަމުން އަންނަ ޤަވައިދުތަކަށް ބަދަލުތަކެއް ގެންނަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމާފައިވާ ކަމަށް މިޑިއާށ ރިޕޯޓުތައް ބުނެފިއެވެ.

ޕެނަލްޓީ ޖަހާއިރު ކީޕަރުގެ އަމަލުތައް ހުއްޓުވުމަށް ފުޓްބޯޅައިގެ ގަވާއިދަށް ބަދަލު ގެންނަން ފީފާއިން ނިންމާފައިވާއިރު، ފީފާއިން ހަދާ އާ ޤަވައިދުތަކަށް އަމަލުކުރަން ފަށާނީ މި އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ފީފާއިން ޕެނަލްޓީގެ ގަވައިދަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާއިރު، މި ޤަވައިދުތަކަށް ބަދަލުގެންނަނީ ކީޕަރަށް ވުރެ ޕެނަލްޓީ ޖަހާ ކުޅުންތެރިންނަށް އެޑްވާންޓޭޖު ލިބޭ ގޮތަށެވެ. އެ ގޮތުން ޕެނަލްޓީ ޖެހުމުގެ ކުރިން ޕެނަލްޓީ ސްޕޮޓް ކީޕަރާއި އޭނާގެ ޓީމުން ހިސާރުކުރުން ނިމުމަކަށް ގެންނާނެ އެވެ. އަދި ގޯލުގެ އަރިމަތީ ދެ ދަނޑީގައި ތެޅުމާއި ހުރަސް ދަނޑީގައި އެލިގަތުމާއި ގޯލް ދާގަނޑާ ކުޅުން ފަދަ ކަންކަން ކީޕަރަކަށް މަނާކުރާނެ އެވެ.

މީގެ އިތުރުން ބޯޅަ އަތަށް ނަގައި ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާއާ ދުރަށް އެއްލާލުން ފަދަ ކަންކަން މި ޤަވައިދުގައި މަނާކުރެ އެވެ. މި އައު ގަވާއިދުގައި އޮންނަ ގޮތުން ކީޕަރު ބޯޅަ އަތަށް ނެގިނަމަވެސް ބޯޅަ ދޭން ޖެހޭނީ ސީދާ ޕެނަލްޓީ ޖަހަންދާ ކުޅުންތެރިޔާގެ އަތަށެވެ.

ރިޕޯޓުތައް ބުނާގޮތުން ފުޓްބޯޅައިގައި ގެނައި މި ބަދަލުތަކަކީ އެންމެ ފަހުން ގަތަރުގައި ބޭއްވުނު ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ކީޕަރު އެމެލިއާނޯ މާޓިނޭޒް އިދިކޮޅު ކުޅުންތެރިންނަށް ޖެއްސުމުގެ އަމަލުތައް ހުރި ގޮތުންނެވެ. ޚާއްސަކޮށް މުބާރާތުގެ ފައިނަލް މެޗުގައި ފްރާންސްގެ ކުޅުންތެރިން ޕެނަލްޓީ ޖަހަންދާއިރު ބޯޅަނަގާ ދުރަށް އެއްލާ ކުޅުންތެރިންގެ ފޯކަސް ގެއްލުވާލާ ވަގުތު ބޭކާރު ކޮށްލުމަށް މާޓިނޭޒް ކަންކަން ކޮށްފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.