English Edition
Dhivehi Edition

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުޙައްމަދު ރަޝާދު، މަގާމުން ވަކިކުރަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުޙައްމަދު ވިދާޅުވީ އަމްރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުން ވަކިކުރަން ރައީސް ޞާލިޙް މިއަދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އަށް އަންގަވާފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެސް ބަދަލުތައް ގެންނަ ކަމަށާއި އަމްރު މަޤާމުން ވަކިކުރަން ނިންމާފައިވަނީ އެފަދަ ބަދަލެއްގެ ތެރެއިންކަމަށެވެ.

އަމްރު ވަކިކުރަން ނިންމިއިރު، އެސްޓީއޯއާ ގުޅޭ ގޮތުން އޭނާ ރޭ ވާހަކަ ދައްކަވަން ޕީއެސްއެމްގެ ޕްރޮގްރާމެއް ޝެޑިއުލްކޮށްފައި ވަނިކޮށް އެކަން ވަނީ ހުއްޓުވައިފަ އެވެ. ފާޑުކިއުން އަމާޒުވުމުން ޕީއެސްއެމުން ބުނީ އެ ޕްރޮގްރާމް ރީޝެޑިއުލްކުރީ ކަމަށެވެ.

އަމްރު މަގާމުން ވަކިކޮށްފައިވާއިރު އޭނާ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް ޞާލިޙަށް ތާއީދުނުކުރައްވައި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވަން ނިންމަވައިފައެވެ.