English Edition
Dhivehi Edition

ޕީއެސްއެމްއިން ދެއްކުމަށް ހަމަޖައްސާފައިވާ ސްޓޭޓް ޓްރޭޑިންގ އޯގަނިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަމްރު މުހައްމަދު ރަޝާދުގެ ޕްރޮގްރާމް ކެންސަލް ކުރިކަމަށް ދެކެވޭ ވާހަަކަ އަކީ ދޮގެއް ކަމަށާއި އެ އިންޓަވިއު ރިޝެޑިއުލްކުރީ ކަމަށް ޕީއެސްއެމުން ބުނެފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރޭ 9:00 އަށް ޝެޑިއުލް ކުރި އަމްރުގެ އިންޓަވިއު ކެންސަލް ކޮށްފައިވަނީ ރައީސް އޮފީހުގެ އެންގެވުމަކަށެވެ. ސަބަބަކަށް ވެފައިވަނީ އެމްޑީޕީގެ ތެރޭގައި އޮތް ދެބައިވުމުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަޅީގައި އަމްރު ހުންނެވުމެވެ.

ނަމަވެސް ޕީއެސްއެމުން ބުނެފައިވަނީ އެއްވެސް ޕްރޮގްރާމެއް ގެނެސްދިނުން މަނާ ކުރުމުގެ އެއްވެސް އިންސްޓްރަކްޝަނެއް ރައީސް އޮފީހުން ލިބިފައި ނެތް ކަމަށެވެ.

“އަބަދުވެސް މަސައްކަތްކުރަނީ އެ ވަގުތަކު ރައްޔިތުންނަށް އެންމެ މުހިންމު ކަމަށް ފެންނަ މައުލޫމާތަށް އިސްކަން ދީގެން ގެނެސްދޭން . އަމްރުގެ އިންޓަވިއުގެ ރެކޯޑިން ނިންމުމަށް ފަހު އެހެން ދުވަހަކަށް ޝެޑިއުލްކުރީ ” ޕީއެސް އެމުން ބުނެއެވެ.

ޕީއެސްއެމްއިން އަމްރުގެ ޕްރޮގްރާމް ކެންސަލް ކުރިތާ މާގިނައިރުތަކެއް ނުވަނީސް ސަންގު ޓީވީން ވަނީ އަމްރުގެ އިންޓަވިއުއެއް މާދަމާރޭ އޮންނާނެ ކަމަށް ބުނެފައެވެ.

ޕީއެސްއެމްއިން ދައްކަން ނިންމާފައިވާ އަމްރުގެ ޕްރޮގްރާމް ކެންސަލް ވުމާއި ގުޅިގެން އެސްޓީއޯއިން ވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.