English Edition
Dhivehi Edition

މީސްތަކުންނެވެ! މާތްﷲ ގެ ހެޔޮ ރަޙްމަތް ފުޅުން މިއަދު އަހަރެމެން މިތިބީ މި ބަރަކާތްތެރި ރަމަޟާން މަހުގެ 3 ވަނަ ރޯދައަށެވެ. ﷲ ތަޢާލާ މީސްތަކުންނަށްޓަކައި ރަޙްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައިލަ ދެއްވެވިތާ 2 ދުވަސް ވެގެން ދަނީއެވެ. ބަލަން ނުތިބެ އަވަސްކުރަމާ ހިނގާށެވެ! އަވަސްވާންވީ ކޮން ކަމެއް ކުރަން ކަމަށް ހެއްޔެވެ؟ ފިރުކެމުން ދުވަމުން ގޮސް ނަމަވެސް، އަދި ކޮރައި އުފުލިގެން ނަމަވެސް އެއިން ދޮރުކޮޅަކުން އެތެރެއަށް ދެމިގަނެވޭތޯއެވެ.

އެކަން ކުރުމަށްޓަކައި ހަމަ އެންމެ މުހިންމު އެއްކަމަކީ ތިބާގެ އަޚާއާއި އެހެން މީސްތަކުންނަށް ތަކައި ތިބާގެ ހިތް ސާފުކޮށްލުމާއި ޣީބަބުނުމުން ދުރުހެލިވުމެވެ. މީގެ އިތުޔުން ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކޮށް އާދޭސް ދެންނެވުމެވެ. މިއީ އެކަމަށް ހުޅުވިފައިވާ ރަނުގެ ފުރުޞަތެވެ. ރަމަޟާން މަހުގެ ދުވަސްތަކަކީ ﷲ ތަޢާލާ އެންމެ ގިނައިން، އެންމެ ގިނަ ބައަކަށް ފާފަ ފުއްސަވާ ދުވަސްތަކެވެ. ވީމާ ﷲ ތަޢާލާ އާއި ކުއްތަންވުމަށް މިއީ ލިބޭނެ އެންމެ އަގުހުރި ފުރުޞަތެވެ.

ރަމަޟާންމަހުގެ އަދަބު އަޚުލާޤުގެ ތެރޭގައި ތެރޭގައި އެހެން މުސްލިމުންނަށްޓަކައި ހިތް ސާފުކުރުމާއި ޣީބަ ބުނުމުން ދުރުހެލިވުން ހިމެނެއެވެ. ޖަމާޢަތުގައި ނަމާދުކުރަން އާދަކުރުމާއި ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުމާއި ޞަދަޤާތްކުރުން ގިނަކުރުމާއި އެހެން މީހުންނަށް ހެޔޮ ފޯރުކޮށްދިނުމުގައި ބައިވެރިވުމަކީ ޘަވާބާއި ދަރުމަ އިތުރުވެގެންދާނެ ކަންކަމެވެ.

ރަމަޟާންމަހުގައި ރޯއްދަވީލުން ދިނުމަކީ ވެސް ސުވަރުގެއަށް ވަނުމަށްޓަކައި ހުޅުވޭ ދޮރެއްކަމުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސްކުރައްވާފައިވެއެވެ. އަދި ތަރާވީޙު ނަމާދުގައި ބައިވެރިވުމާއި ދަމު ނަމާދުގައި ބައިވެރިވުމާއި ޢާއިލާގެ މެންބަރުންނާއި ދަރިންނަށް މިކަންކަމަށް ބާރު އެޅުމަކީ ވެސް ނުހަނު ބޭނުންތެރި ކަމެކެވެ.

އައްތަޣާބުނު ސޫރަތުގެ 6 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.” މިހެންކަމުން ހެޔޮކަންކަމަށް އަނބި ދަރިންނަށް ބާރު އެޅުމަކީ ވަރަށް މުހިންމުކަމެވެ.

ހާރު ކެއުމާއި ހާރުކެއުން ލަސްކުރުމަކީ ވެސް ސުންނަތެކެވެ. ރަމަޟާންމަހުގައި ބަންގި ގޮވުމާއެކު ރޯދަ ވީއްލުން އަވަސް ކުރުމަކީ ސުންނަތެވެ. ރޯދަ ވީއްލުމުގެ ވަގުތުގައި ކުރެވޭ ދުޢާ އިޖާބަ ކުރައްވައެވެ. މިހެންކަމުން ކޮންމެ ދުވަހަކު ވެސް ރޯދަ ވީއްލުމުގެ ކުރިން ހެޔޮ ދުޢާކުރުމަށް އަވަސް ވެގަންނަންޖެހޭނެއެވެ. ޢަރަބި ބަހުން ވެސް ދިވެހި ބަހުން ވެސް ދުޢާކުރެވޭނެއެވެ. އިނގިރޭސި ބަހުން ވެސް ދުޢާކުރެވޭނެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއްނޫނެވެ. ރޯދަ ގެއްލޭ ކަންކަމާއި ރޯދަ މަހުގެ މަތިވެރިވެރިކަމާއި ނުގުޅޭ ކަންކަމުން އެއްކިބާވާންޖެހޭނެއެވެ. ރޯދަ މަސް އެމީހަކާ ބައްދަލުވެ އެ ރޯދަ މަހުގައި އެމީހެއްގެ ފާފަތައް ނުފޮހެވޭ މީހާ އަކީ ބަދު ނަސީބު މީހެކެވެ. މިހެންކަމުން މިކަންކަމާ މެދު ވިސްނައި ހެޔޮ ޢަމަލު ކުރުން މަތީ ދެމި ތިބެން ޢަޒުމް ކަނޑައަޅަންވާނެއެވެ. މާތް ﷲ އަޅުގަނޑުމެންނަށް ތައުފީޤު ދެއްވާށިއެވެ.