English Edition
Dhivehi Edition

މިސްޓަރ ބީން، އަސްލު ނަމުން ނަމަ ރޮވަން އަޓްކިންސަން ގެ ޙަޔާތުގެ ވާހަކަތަކަކީ ގިނަ ފިލާވަޅުތަކެއް އެއިން ލިބިގެން ދާ ވާހަކަތަކެކެވެ. ތިމާގެ ހުވަފެންތަކާއެކު ކުރިއަށް ދިއުމަށް ހިއްވަރާއެކު މަސައްކަތް ކުރާ އަދި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހޭ ކޮންމެ މީހަކަށް މިސްޓަރ ބީންގެ ހަޔާތަކީ ރަނގަޅު އިބްރަތްތެރި ވާހަކައަކަށް ވާނެއެވެ.

އާދައިގެ އާއިލާއަކަށް އުފަންވި ރޮވަންގެ ކުޑައިރުގެ ދިރިއުޅުން ސިފަކުރަނީ ދަތި އުނދަގޫ ދިރިއުޅުމެއްގެ ގޮތުގައެވެ. ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުރި ރޮވަންގެ ސްކޫލްދައުރު ކުރިމަތިލާން ޖެހުނީ ހިތްދަތިކަމާއެވެ. ބުލީކުރުމުގެ ޝިކާރައަކަށް ވުމާއި އެކީގައި ކިޔެވި ކުދިންގެ މަލާމާތާއި ކުރިމަތިލާން ރޮވަން އަށް ޖެހުނެވެ. ރޮވަންގެ ސިފައަށާއި ވާހަކަ ދައްކާގޮތަށް އަމާޒުކޮށް އެއީ އޭލިއަން އެއް ކަމަށް ބުނެ ކުދިން ދިމާކުރެއެވެ. އެހެންކަމުން ރޮވަން ވެގެން ދިޔައީ ލަދުރަކި އަދި އެހެންމީހުންގެ ކުރިމައްޗަށް ނިކުންނަން ޖެހިލުންވާ އެކުވެރިން މަދު އެކަނިވެރި ކުއްޖަކަށެވެ. މުދައްރިސުން ވެސް ރޮވަންގެ ކިޔެވުމަށް މަލާމާތް ކުރިއެވެ. ސައިންސްގެ ރޮނގުން ކުރިއަށްދާން ބޭނުންވި ރޮވަންގެ މުދައްރިސުން ބުނެފައިވަނީ އެއީ އެއްވެސް ގޮތަކުން މޮޅު ދަރިވަރެއް ނޫން ކަމަށާއި އެއީ ތޫނުފިލިކުއްޖެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ރޮވަން ވަނީ އެއީ ތެދެއް ނޫން ކަން މުޅި ދުނިޔެއަށް ސާބިތުކޮށްދީފައެވެ.

އޮކްސްފޯޑް ޔުނިވަރސިޓީގައި ކިޔަވަމުން ދިޔައިރު ރޮވަން އެކްޓުކުރުމަށް ޝައުގުވެރިވެ އެކްޓިންގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވިއެވެ. އެހެންނަމަވެސް އޭނަގެ ވާހަކަ ދެއްކުމުގެ އުނދަގޫތަކާއެކު އެކަމުގައި ކާމިޔާބު ނުވީއެވެ. އެކްޓިންގެ ދާއިރާއިން ކުރިއަށް ނުދެވުނަސް، ރޮވަން ޔުނިވަރސިޓީ ނިންމާލީ އިލެކްޓްރިކަލް އިންޖިނިއަރިންގެ ދާއިރާގެ މާސްޓަރސް އާ އެކުގައެވެ. މާސްޓާރސް އަށް ފަހު ރޮވަން ނިންމީ ކޮންމެ ގޮތަކަށް ހަދާފައި ނަމަވެސް އޭނަގެ ހުވަފެން ސީދާ ކުރުމަށް އެކްޓިންގެ ދާއިރާ އަށް ކުރިމަތިލާށެވެ. ޓީވީ ޝޯއަކުން ނުވަތަ ފިލްމަކުން ވިޔަސް ޖާގައެއް ލިބޭތޯ މަސައްކަތް ކުރުމަށެވެ. އެހެންކަމުން ކޮމެޑީ ގުރޫޕަކާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދެވޭތޯ ރޮވަން ބެއްޔެވެ. ނަމަވެސް އެފަހަރުވެސް އޭނަ އަށް ކުރިމަތިވީ ނާކާމިޔާބީއެވެ.

އެތަކެއް ޓީވީ ޝޯތަކުން ރޮވަން އަށް ނޫނެކޭ ބުންޏެވެ. އެތަކެއް ބަޔަކު އޭނައަށް މަލާމާތް ކޮށް ސްޓޫޑިއޯން ބޭރުކުރިއެވެ. އެހެނެއްކަމަކު ރޮވަންގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ކޮންމެ ނާކާމިޔާބީ އަކީ ކާމިޔާބުގެ އިތުރު ހަރުފަތެއް ކަމަށް ދެކި އަލުން އާ ހިތްވަރާއެކު ކުރިއަށް ދެވޭތޯ ރޮވަން މަސައްކަތް ކުރަމުން ދިޔައެވެ. ރޮވަން އަމިއްލަ އަށް ގަބޫލުކުރަމުން ދިޔައީ މީހުން ހެއްވާލުމުގެ ކުޅަދާނަ ކަމާއި އެ ހުނަރު އޭނަގެ ކިބައިގައި ހުރިކަމަށެވެ. އަދި އޭނައާއި ގުޅޭ ކެރެކްޓަރ ގައި ވާހަކަ ދައްކަން ޖެހޭއިރު އުނދަގުލެއް ނެތި ވާހަކަ ދެއްކޭކަމެވެ. އެހެންކަމުން އޭނައަށް ލިބިފައި ހުރި ހުނަރާއި އެއްގޮތަށް މީހުން ހެއްވާލެވޭތޯ އޭނަ މަސައްކަތް ކުރަމުން ދިޔައެވެ.

ގިނަ ނާކާމިޔާބީއާއި ކުރިމަތިލުމަށް ފަހު ރޮވަން ދެން ގަސްތުކުރީ އޭނާ މާސްޓާރސް އަށް ކިޔަވަމުން ދިޔައިރު އެކުވެރި އަކާއެކު އުފެއްދި ސީރިއަލް ، ތަފާތު ގޮތަކަށް ވާހަކަ ދެއްކޭ ކެރެކްޓަރ، އަދި މިހާރު މަޝްހޫރު މިސްޓަރ ބީން ގެ ޝޯތައް އެކި ތަންތަނުގައި ޖެއްސޭތޯއެވެ. ހުއްޓުމެއް ނެތި ރޮވަން ކުރި މި މަސައްކަތް އެންމެ ފަހުން ކާމިޔާބު ވިއެވެ. ދިމާވި ހުރިހާ ގޮންޖެހުންތައް ގިރާކޮށް، އޭނަގެ ހުރި ނުކުޅެދުންތެރި ކަމުގެ ބަދަލުގައި ލިބިފައި ހުރި ހުނަރާއި ގާބިލް ކަން ކުރިއަށް ނެރެ ކުރި ހިތްމަތުން މާ ގިނަ ދުވަސްތަކެއް ނުވެ މުޅި ދުނިޔެއަށް އޭނަގެ ޝޯތައް މަޝްހޫރުވީއެވެ. ރޮވަން ސާބިތުކޮށްދިނީ ހޮލީވުޑް ތަރިއަކަށް ވުމަށް ރީތި ހަށިގަނޑަކާއި ހިތްދަމައިގަންނަ މޫނެއްގެ ވެރިއަކަށް ކޮންމެހެން ވާން ނުޖެހޭ ކަމެވެ. ބޭނުންވަނީ އެމީހެއްގެ ހުރި ކެރުންތެރިކަމަކާއި ހިތްވަރަކާއި ގާބިލް ކަން ކަމެވެ. މި އަޒުމާއެކު އޭނަ ކުރިމަސައްކަތުން މިއަދު ރޮވަން ވެފައިވަނީ، މަޝްހޫރު ކޮމޭޑިއަން، މަޝްހޫރު ސްކްރީން ރައިޓަރ، މަޝްހޫރު ރޭޑިއޯ އާޓިސްޓް، މަޝްހޫރު ތިއޭޓަރ އެކްޓަރ، މަޝްހޫރު ޓީވީ އެކްޓަރ، އަދި މަޝްހޫރު ވޮއިސް އާޓިސްޓް އަށެވެ. މުޅި ދުނިޔޭގައި އޭނަ ނޭނގޭ ބަޔަކު މަދުވާނެއެވެ. ހުރިހާ އުމުރެއްގެ ބަޔަކަށް މިސްޓަރ ބީން އަކީ ހެއްވާލުމުގައި ހަމަ އެއްވަނަ އެވެ!

ރޮވަން ނުވަތަ އެންމެން ދަންނަ ނަމުންނަމަ މިސްޓަރ ބީންގެ މި މިސާލެއްފަދަ ކާމިޔާބީގެ ވާހަކަ އިން އެނގިގެންދަނީ ތިމާ ކުރިއަށް ދިއުމަށް އެންމެ ބޭނުންވާ އެންމެ މުހިއްމު ސިފައަކީ ކުރިއަށްދާން ބޭނުންވާ ދާއިރާ އަކީ އެކަމެއް ކުރުމަށް ތިމާ ބޭނުންވާ ދާއިރާކަމަށް ވުމާއި ކުރިއަށް ދާއިރު ދިމާވާ ގޮންޖެހުންތަކާއި ކުރިމަތި ލުމުގެ ހިތްވަރު ހުރުމާއި ދޫކޮށްނުލައި ކުރިއަށް ދިއުމެވެ. އަދި އެއްވެސް މީހަކީ ދުނިޔެއަށް އަންނަ އިރު އެންމެ “ޕާފެކްޓް” މީހާ ނޫން ކަމާއި އެންމެ ގާބިލް ނޫންކަމަށް ހީވާ މީހާއަށް ވެސް މަތީގައި ބުނިފަދައިން މަސައްކަތް ކުރެވިއްޖެނަމަ ހީނުކުރާފަދަ ކާމިޔާބު މީހަކަށް ވެވިދާނެކަމެވެ.