English Edition
Dhivehi Edition

ކުރިއަށް އޮތީ ބަރަކާތުން ފުރިގެންވާ މާތް މައްސަރުކަމުގައިވާ ރަމަޟާން މަހެވެ. ފުއްސެވުމާއި، ދިންނެވުމާއި، ނަރަކައިން މުއްތިކުރެއްވުމުގެ މަތިވެރި މައްސަރެވެ. އަހަރެމްނެނަށް ޓަކައި މާތް ﷲ ދެއްވާ ރަނުގެ ފުރުޞަތުގެ މައްސަރެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގެ ފުރަަތަމަ ދިހައަކީ ރަހުމަތެވެ. ދެވަނަ ދިހައަކީ ފުއްސެވުމެވެ. އަދި ތިންވަނަ ދިހައަކީ ނަރަކައިން މުއްތިކުރެއްވުމެވެ. މިފަދަ މަތިވެރި މައްސަރަކާއި ކުރިމަތިލާއިރު މި މައްސަރަށް ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަންކަން އެބަހުއްޓުވެ.

ކޮންމެ މުސްލިމަކުވެސް ރަމަޟާން މަހާއި ކުރިމަތިލާން ޖެހެނީ ސާފު ތާހިރު ހިތަކައިގެންނެވެ. ކުށްތަކުން ތާހިރުވެގެންވާ ހާލުގައެވެ. ތައުބާވެ ސާލިހު އަމަލުތައް ކުރުމުގައި ދެމިހުރުމުގެ މަތިވެރި އަޒުމްގަ އެވެ. އަދި އިސްވެދިޔަ ދުވަސްތަކުގައި ކުރެވިފައިވާ ފާފަތަކާއި މެދު ހިތާމަކޮށް ދެވަނަ ފަހަރަށް އެފަދަ ކުއްތަކަށް އަރައި ނުގަތުމުގެ ވަރުގަދަ އަޒުމުގައި ނަޞޫޙް ތައުބާއަކުން ތަޢުބާވެގެންވާ ހާލުގައެވެ.

ނޫރު ސޫރަތުގެ 13 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނާގައި ވަނީ މިފަދައިންނެވެ.

“އެންމެހާ މުއުމިނު އަޅުތަކުންނޭވެ. ތިޔަބައި މީހުން އެންމެން ﷲ ތަޢާލާގެ ޙަޟްރަތަށް ތައުބާ ވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބު ލިބިގަތުމަށްޓަކައެވެ.”

އެހެންކަމުން މި މައްސަރުން ކާމިޔާބީ ލިބިގަތުމަށް މި ރަމަޟާންމަހަށް އަޅުގަނޑުމެން ކުރިމަތިލާންޖެހޭނީ އިހްލާސްތެރި ތެދުވެރި ތައުބާއަކުން ތައުބާވުމަށްފަހު އެވެ. ފާފަތަކުން ނަފުސު ތާހިރު ވެގެންވާ ހާލުގައެވެ.

މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެ އެވެ. “ވިދާޅުވާށެވެ. އޭ ތިމާމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފަކޮށް އިސްރާފްކޮށްފައިވާ ތިމަން އިލާހުގެ އަޅުންނޭވެ. ﷲ ގެ ރަޙްމަތާ މެދު އުއްމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲ އަޅުތަކުންގެ ހުރިހާ ފާފަތައް ފުއްސަވައިދެއްވަ އެވެ. ހަމަކަށަވަރުން އެއިލާހީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.” މި ބަސްފުޅުންވެސް ތައުބާވުމުގެ މުހިއްމުކަން ބަޔާންކޮށްދެ އެވެ. އަދި ތައުބާގެ ދޮރު ހުޅުވިފައިވާކަމުގެ އުފާވެރި ޙަބަރުދެ އެވެ.

ކޮންމެ އިންސާނަކީވެސް ކުށްކުރެވޭނެ މީހެކެވެ. އެހެންކަމަށްވީއިރު، ތައުބާވުން ގިނަކުރަން ޖެހެއެވެ. ޚާއްޞަކޮށް މި ރަމަޟާން މަހާއި ކުރިމަތިލާއިރު ފާފަތަކަށް އަރައިގަނެވިފައިވާނަމަ ތަޢުބާވާން ޖެހެއެވެ. ތައުބާވުމުގެ އިތުރަށްވެސް މި ބަރަކާތްތެރި މައްސަރާއި ކުރިމަތިލާއިރު، ވިސްނާލަންޖެހޭ އެހެން ކަންކަންވެސް އެބަހުއްޓެވެ.

ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާ ކިޔާއިރު، ދޭދޭ ގުޅުންތައް އިސްލާހު ކުރުމަށް މަސައްކަތް ކުރަންޖެހެ އެވެ. ތިބާގެ ކިބާގައިވާ އެންމެހާ ނުބައި ސިފަތަކުން ދުރުވެ ރައްކާތެރިވާންޖެހެ އެވެ. ރަހިމުގެ ގުޅުން ދަމަހައްޓާ، އެކުވެރިންނާއި، އަވައްޓެރިންނަށް ކަމޭހިތަން ޖެހެ އެވެ. ހުތުރު ބަސްތައް ދުލުން ބުނެ އުޅުމާއި، ޒުވާބުކުރުން ފަދަ ނޭދެވޭ އެންމެހާ ކަންތައްތަކާއި ދުރުހެލިވާންޖެހެ އެވެ. ދީނީ ކަންކަމަށް ސަމާލުކަންދީ ތިމާގެ އުޅުން އިސްލާހުވުމަށް އެދި ދުއާ ކުރަންޖެހެ އެވެ.

މީގެ އިތުރަށް ރަމަޟާން މަހަކީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ މައްސަރަކަށްވީއިރު، އެ މައްސަރައާއި ބައްދަލުކޮށް ހެޔޮ އަމަލުކުރުމުގެ ހެޔޮ ތައުފީޤް ދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުއާ ދަންނަވަންޖެހެ އެވެ. ސަލަފުއްސާލިހުން ރަމަޟާން މަސް އައުމުގެ ދެތިން މަސް ދުވަސްކުރިން ރަމަޟާން މަހާއި ބައްދަލުކުރުމުގެ ހެޔޮ ތައުފީޤް ދެއްވުން އެދި ދުއާ ކުރައްވަ އެވެ. އަދި ރަމަޟާން މަހާއި ބައްދަލުވުމުން އެމަހުގެ މަތިވެރިކަމާއި މާތްކަން ލިބިގަތުމުގެ ހެޔޮ ތައުފީޤް މިންވަރު ކުރެއްވުން އެދި ދުއާ ދަންނަވަ އެވެ. މިމަތިވެރި މައްސަރު ވަކިވެދިއުމުގެ ކުރިން އަލުން މިފަދަ މައްސަރަކާއި ކުރިމަތިލުމުގެ ފުރުސަތު ދެއްވުން އެދި ދުޢާ ދަންނަވަ އެވެ. އަދި ރަމަޟާން މަހަށްފަހު ހެޔޮ އަމަލުކުރުމުގެ މަތީގައި ސާބިތުވެ ހުރުމުގެ ތައުފީޤް ދެއްވުން އެދި ދުޢާ ދަންނަވަ އެވެ.