English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިސްލާމިކް ޕާސަނަލް ފައިނޭންސިން އިން ރަހުނަކާ ނުލާ 1.2 މިލިއަން ރުފިޔާއާ ހަމައަށް ނަގުދު ފައިސާ ނުވަތަ މުދާ ނެގޭ ގޮތަށް ހަދައިފިއެވެ.

ބީއެމްއެލް އިން ބުނީ މި ފެސިލިޓީ ދޫކުރާއިރު ލިމިޓް ކަނޑައެޅުމުގައި އަމިއްލަ ފަރުދުންގެ މުސާރައިގެ އިތުރުން އެހެނިހެން ގޮތްގޮތުން ލިބޭ އާމްދަނީވެސް ހިމެނޭނެކަމަށެވެ. އަދި އެ ބޭންކުގެ ކޮންމެ އަކުއުންޓަކަށް އާމްދަނީ ޖަމާވި ނަމަވެސް މި ފެސިލިޓީއަށް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ބީއެމްއެލްއިން ބުނީ އެ ބޭންކުން އިސްލާމިކް ޕަރސަނަލް ފައިނޭންސިންއަށް މުސާރަ އާއި ކުލިން ލިބޭ އާމްދަނީ އާއި ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ އާއި އިސްރަށްވެހިންނަށް ދޫކުރާ ޕެންޝަން ނުހިމެނޭގޮތަށް ރިޓަޔަރމަންޓް ޕެންޝަން އަދި ވެރިފައިކުރެވޭ އެހެނިހެން ކޮންމެ އާމްދަނީއެއްވެސް ބަލައިގަންނާނެކަމަށެވެ.

މި ފެސިލިޓީ މެދުވެރިކޮށް ނަގުދު ފައިސާ ހޯދުމަށާއި މުދާ ގަތުމަށާއި އަދި ހިދުމަތެއް ފައިނޭންސް ކުރުމުގެ އިތުރުން ތަނެއް އިމާރާތްކުރުމަށް ނުވަތަ އާބާތުރަ ފިލުވުމަށް ފައިނޭންސް ކޮށްދޭނެއެވެ.

ބީއެމްއެލް އިން ބުނީ މި ފެސިލިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ނަގުދު ފައިސާ ލިބި، މަހުން މަހަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެކަމަށެވެ. އަދި އަވަހަށް ފައިސާ ދެއްކުމުން، ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ޑިސްކައުންޓެއް ލިބުމުގެ ފުރުސަތު އޮންނާނެކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ އެޕްލިކޭޝަން މެދުވެރިކޮށް ޕަރސަނަލް ފައިނޭންސިންއަށް އެދި ހުށަހެޅޭނެއެވެ. ބީއެމްއެލް އިން ބުނީ ފައިނޭންސިންގ ފެސިލިޓީ ޕްރޮސެސްކުރުމަށް ފަސް ދުވަސް ނަގާނެކަމަށެވެ.