English Edition
Dhivehi Edition

ސައުދީ ޕްރޮލީގް ގައި ރޭ އަލް އަބްޙާ އާއި ދެކޮޅަށް ކުޅުނު މެޗު 1-2 ގެ ނަތީޖާއިން އަލް ނަޞްރުން ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗުން އަލް ނަޞްރު މޮޅުވީ އަލް އަބްޙާ ލަނޑުޖަހައި ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެންނެވެ.

ރޭގެ މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި އަލް ނަޞްރަށް ވުރެ ލަނޑުޖަހަން ރަނގަޅު ފުރުސަތު ލިބުނީ އަލް އަބްހާއަށެވެ. އެގޮތުން އެޓީމުގެ ފިލިޕޭ ކައިސެޑޯ ވަނީ ލަނޑެއް ޖަހާ އަބްހާއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު މި ލަނޑު އޮފްސައިޑުކަމަށް ބަލާ ކެސަލް ކުރީއެވެ. އޭގެ ފަހުން އަލް އަބްހާއިން މެޗުގެ ލީޑު ނެގީ 26 ވަނަ މިނެޓުގައި ސާޑް އަބްދުއްލާ ބުގިރް ތަނަވަސް ކޮށްދިން ފުރުސަތަކުން އަބްދުލް ފައްތާހް އާދަމް ޖަހައިދިން ލަނޑުންނެވެ.

އެއް ލަނޑުގެ ލީދަކާއި އެކު އޮވެ އަލް އަބްހާއިން މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ފަހު ހާފަށް ނިކުމެ އަލް ނަޞްރުން ވަނީ ކުޅުން ވަރުގަދަކޮށް މެޗުގެ 78 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަލް ނަޞްރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިން މި ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯގެ މި ލަނޑަކީ ގޯލާއި ފުދޭވަރަކަށް ދުރުން ލިބުނު ހިލޭ ޖެހުމަކުން ޖެހި ލަނޑެކެވެ.

ވަރަށް ބޮޑަށް ފަހަތަށްޖެހިގެން އަލް އަބްހާގެ ކުޅުންތެރިން ކުޅެމުން ދަނިކޮށް އެޓީމަށް މައްސަލަތަކާއި ކުރިމަތިވީ މެޗުގެ 80 ވަނަ މިނެޓުގައި ޒަކަރިޔާ އަލް ސޫދާނީއަށް ދެވަނަ ރީނދޫ ކާޑާއި އެކު ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. އަލް އަބްހާ އިން އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެމުން ދިޔައިރު، އަލް ނަޞްރުން މި މެޗުގައި އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެންޑަސަން ޓަލިސްކާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި އީ އަލް އަބްހާގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ވީއޭއާރު ބެލުމަށް ފަހު ރެފްރީ އަލް ނަޞްރަށް ދިން ޕެނަލްޓީއެކެވެ.

މި މޮޅާއި އެކު އަލް ނަޞްރު މިވަގުތު އޮތީ ކުޅުނު 21 މެޗުން ލިބުނު ލިބުނު 49 ޕޮއިންޓާއި އެކު ތާވަލްގެ ދެވަނާގައެވެ.. އެއްވަނާގައި އޮތީ އަލް އިއްތިހާދްއެވެ. އިއްތިހާދް އެއްވަނާގައި އޮތީ 21 މެޗުން 50 ޕޮއިންޓް ލިބިގެންނެވެ.