English Edition
Dhivehi Edition

ހަފްތާގެ ތެރެއިން އަންނަ ޢީދުދުވަހަކީ ނުވަތަ އެންމެ މާތްދުވަހަކީ ހުކުރުދުވަސްކަމުގައި އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. އެއީ އެ ދުވަހަކަށް ޓަކައި އިރުއަރާ އެންމެ މާތް މަތިވެރި ދުވަހެވެ.

ހުކުރު ނަމާދަށް އަވަހަށް ދިއުމަކީ އެންމެ މާތް އަދި އެންމެ މަތިވެރި މޮޅުވެގެންވާ ގޮތެވެ. ނަމަވެސް އަހަރެމެންގެ މި މުޖުތަމަޢުގެ ހާލަތައް ބަލާއިރު، ގިނަ މީހުން ހުކުރު ދުވަހު ހުކުރަށް ދަނީ ޚުތުބާ ވެސް ނިމެން ގާތްވެފައި ވަނިކޮށް ވަލަޒިކުﷲ އަކްބަރަށެވެ.

ދަންނާށެވެ. ހުކުރުނަމާދަށް އަވަހަށް އަންނަ މީހުންނަށް ހުރި ސަވާބު ބަޔާންކޮށްދެއްވަމުން ރަސޫލުﷲގެފާނު ޙަދީޘްކުރައްވައިފައިވާ ހަދީސެއްގެ މާނައިގައި ވަނީ މިފަދައިންނެވެ. “ހުކުރުނަމާދަށް ހިނައިގަނެގެން، ފުރަތަމަ ގަޑީގައި މިސްކިތަށް ދިޔަމީހާ ޖަމަލެއް ޤުރްބާންކުރި ފަދައެވެ. ދެވަނަ ގަޑީގައި ދިޔަމީހާ ގެރިއެއް ޤުރްބާންކުރި ފަދައެވެ. ތިންވަނަގަޑީގައި ދިޔަމީހާ ދަޅުފެޅި ބަކަރިއެއް ޤުރްބާންކުރި ފަދައެވެ. ހަތަރު ވަނަ ގަޑީގައި ދިޔަމީހާ ކުކުޅެއް ޤުރްބާންކުރި ފަދައެވެ. ފަސްވަނަގަޑީގައި ދިޔަމީހާ ކުކުޅު ބިހެއް ޤުރްބާންކުރި ފަދައެވެ. ފަހެ އިމާމާ ނުކުމެ މިންބަރަށް އެރުމުން މަލާއިކަތްބޭކަލުން ފަތްތައް ލައްޕަވާލައްވައި ޚުޠުބާ އަޑު އެއްސެވުމަށް އިށީނދެ ވަޑައިގަންނަވާނެތެވެ.”

މިސްކިތަށް އަރަނީ ﷲގެ މަތިން ހަދުމަކުރުމަށާއި ޛިކްރުކުރުމަށާއި ނަމާދު ކުރުމަށްޓަކައެވެ. ﷲގެ ގެކޮޅުތައް ކަމަށްވާ މިސްކިތްތައް އާބާދު ކުރާ މީހުންގެ ޤަދަރު ﷲ އުފުއްލަވަތެވެ. މިސްކިތުގެ ތެރޭގައި މީހުންނަށް އުދަނގޫވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. ސަފުތައް ގިރާކުރަމުން، މީހުން ކޮއްޕަމުން ދިޔުމަކީ ގޯނާކުރުމެކެވެ. މިއީ ﷲ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނެވެ. ކުރީ ސަފު ބޭނުންވާ މީހާ މިސްކިތަށް އަވަހަށް ދާންޖެހޭނެއެވެ. ފަހުން އަރާ މީހަކު ކުރިއަށް ގޮސް ދެ މީހަކު ދެމެދުން ތަންކޮޅެއް ހަދާލައިގެން ތަންހޯދުމަކީ އިސްލާމްދީނުގެ ރިވެތި އަދަބާއި ސުލޫކާ ޚިލާފުކަމެކެވެ. ހަމައެހެންމެ ކުރިން މިސްކިތަށް އަރާ މީހުން ވެސް އިސް ސަފުން ފެށިގެން ސަފުތައް ފުރަމުން ގެންދިޔުމަށް ސަމާލުކަން ދޭން ވާނެއެވެ.

ކީރިތިރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. “مَنْ تَخَطَّى رِقَابَالنَّاسِ يَوْمَ الْجُمُعَةِ اتَّخَذَ جِسْرًاإِلَى جَهَنَّمَ ހުކުރުދުވަހު މިސްކިތަށް އަރައި، މީސްތަކުންގެ ކޮނޑުތައް މަތިން ގިރާކޮށް ދާ މީހުން ނަރަކައަށް ފާލަމެއް އަޅައިފިއެވެ.”

އެއްދުވަހަކު ރަސޫލުﷲގެފާނު ޚުޠުބާދެއްވަން ހުންނަވަނިކޮށް މީހަކު އަރައި ، މީސްތަކުން ކޮއްޕަމުން، ކޮނޑުތައް މަތިން ގިރާކުރަމުން ދަނިކޮށް ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ.” ތިބާ އިށީންނާށެވެ. ހަމަކަށަވަރުން ތިބާ ގޯނާކޮށްފީމުއެވެ. ތިބާ ތިޔައީ ލަހުންނެވެ.”

ޚުޠުބާއަކީ މީސްތަކުންނާ އެ ހަފުތާގައި ކުރިމަތިވި މަސްއަލަތައް ޙައްލުކުރާނެ ގޮތް ބަޔާން ކޮށްދިނުމަށާއި، މީސްތަކުންނަށް ދީނީ ކަންތައްތައް އޮޅުންފިލުވައިދިނުމަށާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޝަރްޢު ކުރައްވާފައިވާ ބަޔާނެކެވެ. މި ޚުޠުބާއިން ފައިދާ ލިބިގަންނަން ޖެހޭނެއެވެ. ޚުޠުބާގެ އަޑު ނާހައި، މި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން ޚުޠުބާ އަޑުއެހުމަކީ ހުކުރުނަމާދުގެ މުހިއްމު ބައެކެވެ. މިހެންވެ، ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ “ހުކުރު ޚުޠުބާ ދެވެމުންދާ އިރު ތިބާގެ ގާތުގައި އިން މީހާއާ ދިމާއަށް ހަނުހިމޭނުން ލައިގެން އިންނާށޭ ބުނެފިނަމަ ތިބާ ބޭކާރު ވާހަކަ ދައްކައިފިއެވެ. “

ނޯޓް: މިލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ދީނީ ޢިލްމުވެރިންގެ ފަތުވާތަކުން