English Edition
Dhivehi Edition

ޕީއެސްޖީން މެސީއަށް ދެނީ އެކަށީގެން ވާ ވަރަށް ވުރެ ބޮޑު މުސާރައެއް ކަމަށާއި ނަމަވެސް އެ މުސާރައާއި އެއްވަރުގެ ކުޅުމެއް ދަނޑުމަތީގައި މެސީއަށް ނުދެއްކޭ ކަމަށް ޕީއެސްޖީގެ ސަޕޯޓަރުން ބުނެފިއެވެ.

ޕީއެސްޖީގެ ސަޕޯޓަރުން ބުނީ މެސީ ޕީއެސްޖީއާއި ގުޅުނު ހިސާބުން ބޮޑެތި އުންމީދުތަކެއް ކުރެވުނު ނަމަވެސް އޭނާއަށް ސަޕޯޓަރުންގެ އެ އުންމީދުތައް ފުރިހަމަ ކޮށްދެވިފައި ނުވާކަމަށެވެ.

ޕީއެސްޖީގެ ސަޕޯޓަރުން އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް ފައުޅުކުރީ ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރާއި ހިސާބުން ޕީއެސްޖީ ކަޓައިގެން ދިއުމެވެ. އެފަރާތްތަކުން ވަނީ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓުމުގެ ޒިންމާ ،މެސީގެ ބޮޅުގައި އަޅުވާ މެސީއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

މެސީއަށް ކުލަބުން ދެނީ ބޮޑު މުސާރައެއް. ދޭ މުސާރައާ އެއްވަރު ކުޅުމެއް އޭނާގެ ފަރާތުން ކްލަބުގައި ނުފެނޭ. މެސީ އޭނާގެ މުސާރައާއި އެއްވަރުގެ ކުޅުމެއް ދައްކަން މަސައްކަތެއް ނުކުރޭ. ވޭތުވެ ދެ އަހަރުވެސް ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓީ ދެވަނަ ބުރުން. ޗެމްޕިއަންސް ލީގުން ކެޓުމުގެ ޒިންމާ މެސީ ނަގަން ޖެހޭނެ. އޭނާއަކީ ޓީމުގެ އެންމެ އުންމީދީ ކުޅުންތެރިޔާއަށްވާއިރު އޭނާގެ ފަރާތުން ދަނޑުމަތީގައި އެކަމެއް ނުފެނޭ. މިއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން.” ޕީއެސްޖީގެ ސަޕޯޓަރުން ބުނެފައިވެއެވެ.

ޕީއެސްޖީގެ ސަޕޯޓަރުންގެ މި ހިތްހަމަ ނުޖެހުމާއި އެކު އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ރޭނިސް އާއި ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި މެސީއާއި ދެކޮޅަށް އަޑުއުފުލަން ސަޕޯޓަރުން ރާވަމުން އަންނަ ކަމަށް ވެސް ފްރާންސްގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ޕީއެސްޖީގެ ސަޕޯޓަރުންގެ ގްރޫޕަކުން މެސީއާ ދެކޮޅަށް އަޑު އުފުލަން ނިންމި ކަމަށް ރިޕޯޓުތައް ބުނާއިރު،، އެ ހަރަކާތް ކުރިއަށް ގެންދަން ޕީއެސްޖީގެ ސަޕޯޓަރުން ރާވާފައިވަނީ ކިހިނެތް ކަމެއް އަދި ނޭނގެއެވެ.

ހަތް ފަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ ފްރީ ޓްރާންސްފައެއްގައި ޕީއެސްޖީއަށް ބަދަލުވީ 2021 ވަނަ އަހަރުއެވެ. އަންނަ ޖޫން އަށް މެސީގެ ޕީއެސްޖީއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާއިރު، އިތުރު އެއްބަސްވުމެއް މެސީއަށް ދިނުމާއި މެދު އަދި ކުލަބުން ގޮތެއް ނުނިންމައެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ޕީއެސްޖީ މަސައްކަތް ކުރަނީ މެސީއަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ދޭށެވެ.